ފިނި ދުވަސްވަރާއި ދިމާކޮށް އެމެރިކާގައި ނޮރޯ ވައިރަސްގެ ކޭސްތައް ގިނަވެފައިވާކަމަށް އެ ގައުމުގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލްއިން ބުނެފިއެވެ.
ނޫސްތަކުން ބުނާގޮތުން ހޮޑުލުމަށާއި ބޭރަށް ހިންގުމުގެ މައްސަލަތައް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ގިނަވަމުން އަންނަކަން ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ފަހު ހަފްތާގައި ނޮރޯ ވައިރަސްގެ 69 ކޭސްއެއް ފެނިގެންދިއުމަށްފަހު ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި 91 ކޭސް ފެނިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.
މިއީ ނިމިދިޔަ އަހަރުގެ މި ދުވަސްވަރާއި އަޅާ ބަލާއިރު އިތުރު އަދަދެއްކަމަށާއި ނިމިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފާހަގަކުރެވިފައިވަނީ 65 ކޭސްކަމަށެވެ. މި ވައިރަސްގެ އަސަރުކޮށްފައިވާކަމުގެ އާންމު އަލާމަތްތަކުގެ ތެރޭގައި ކުއްލި ގޮތަކަށް ބޭރަށް ހިންގުމާއި ހޮޑުލުން ހިމެނޭއިރު ކުރޫޒް ޝިޕު ފަދަ ތަންތަނުގައި ކޭސްތައް ފެންމަތިވާކަމަށް ދައްކާކަމަށާއި އާންމުކޮށް ގާތްގާތުގައި މީހުން އުޅޭ މާހައުލުތަކުގައި ފަސޭހައިން ބަލި ފެތުރޭކަމަށެވެ. އެގޮތުން ނާސިން ހޯމްތަކާއި ޖަލުތައް އަދި ސުކޫލު ފަދަ ތަންތަނުގައި ފަސޭހައިން ފެތުރުމުގެ ފުރުސަތު އޮންނަކަމށެވެ.
އެމެރިކާގައި ކެއިންބުއިމުގެ ސަބަބުން ބަލިވެގެން ފަރުވާ ހޯދާ ކޭސްތަކުގެ 58 އިންސައްތައަކީ ނޮރޯ ވައިރަސްގެ ސަބަބުން ޖެހޭ މައްސަލަތަކަށް ސިއްހީ ވުޒާރާތަކުގެ މައުލޫމާތުތަކުން ދައްކާ ކަމަށްވެސް ނޫސްތަކުން ރިޕޯޓުކުރެއެވެ. އަދި އަހަރެއްގެ މައްޗަށް މިފަދަ 2500 ވަރަކަށް ކޭސް ފެންމަތިވާކަމަށެވެ. ނޮރޯ ވައިރަސްގެ މައްސަލަ މުޅި އަހަރު ތެރޭގައިވެސް ފެނިގެންދާއިރު އާންމުކޮށް ބޮޑުވެގެންދަނީ އޭޕްރިލަ މަހާއި ނޮވެމްބަރު މަހާއި ދެމެދުގައިކަމަށް ބުނެއިވާއިރު މި ވައިރަސްގެ އިތުރު އަލާމާތްތަކުގެ ތެރޭގައި މޭނުބައި ކުރުން އަދި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހުން އައުންވެސް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

