ރާއްޖޭގެ އިގްތިދަށް ދިމާވި ދަތިތަކާއި އެކު އެންމެ ބޮޑު ގޮންޖެހުމަކަށް އައީ ޑޮލަރުގެ ތާށިކަމެވެ. ޒަމާންތަކެއް ވަންދެން އުފެދިފައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުވާ އެންމެ ބޮޑު ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ ރާއްޖެއަށް ޑޮލަރުގެ އާމްދަނީ ލިބޭ އަދަދާއި އެއްވަރަށް ވެސް އެ ފައިސާ އިގްތިސާދުގައި ދައުރު ނުވުމެވެ.
މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ބޮޑެތި އެތައް ފިޔަވަޅެއް އެޅިއިރު، 2024 ވަނަ އަހަރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ވިޔަފާރިތަކުން ޑޮލަރުން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް މާރު ކުރުން ލާޒިމްކޮށް ގެނައި ބޭރު ފައިސާއާއި ބެހޭ ގާނޫނެވެ. މިއީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާބެހޭ މުޢާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމަށްޓަކައި ފަރުމާކުރި ގާނޫނީ އޮނިގަނޑެކެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅައި މި ބިލު ފާސްކޮށްފައި ވަނީ، ފަތުރުވެރިކަމުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކޮށް ހުށަހެޅި ހިޔާލާއި މަޝްވަރާތަކަށް ބަލައި ޑޮލަރު މާރު ކުރުމަށް އިތުރު އިހުތިޔާރެއް ވެސް ހިމަނައިގެންނެވެ.
އެގޮތުން މައިގަނޑު ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެއީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި، ރިސޯޓަކުގައި މާލީ ދަތިކަމެއް ހުރިނަމަ، އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދިނުމެވެ. ނަމަވެސް އެ ލުއި ދެވޭނީ އެކަން އެމްއެމްއޭއަށް ސާބިތުކޮށްދިނުމުން ކަމަށް ގާނޫނު ބުނެއެވެ.
ގާނޫނު ބުނާގޮތުގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބޭ އާމްދަނީން އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާލުކުރަންވާނެ އެވެ. އަދި ރިސޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ރިސޯޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެކަމަށް ބުނެއެވެ. 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި އިހުތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.
މީގެއިތުރުން ކެޓެގަރީ ބީ ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއިން މާރުކުރަން ޖެހެއެވެ. އަދި މިކަމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.
ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައް ގާނޫނުގައި ބަޔާން ކުރާއިރު، އެއީ އެ ތަނެއްގައި 24 ގަޑިއިރު ހޭދަކޮށްފައިނުވާ ޓޫރިސްޓުންނާއި، ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތަކުގެ އިތުރުން ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުންނެވެ.
ކޮންމެ ފަރާތަކުން ވެސް ބޭރު ފައިސާ މާރުކުރުމަށްފަހު އެކަމުގެ މަޢުލޫމާތާއި މަރުކަޒީ ބޭންކުން އަންގާ އެހެންވެސް މަޢުލޫމާތު ކަނޑައަޅާ ގޮތަކަށް އެމްއެމްއޭއަށް ހުށަހަޅަންވާނެ އެވެ. އެކަމަކު މި ހިސާބުތަކުގައި އޮޅުވާލާނަމަ، އެ މައްސަލައެއް ބެލުމުގެ ބާރު އެމްއެމްއޭއަށް ގާނޫނުގެ ދަށުން ލިބިގެންވެއެވެ. މި ގާނޫނާ ހިލާފު ފަރާތްތަކާއި މި ގާނޫނުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ހިސާބުތައް އޮޅުވާލާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މީރާގެ އެހީތެރިކަން ހޯދުން ނުވަތަ މީރާއާ ހަވާލުކޮށްގެން އެ މައްސަލަތައް ބެލުމުގެ ބާރު އޮތޯރިޓީއަށް ވަނީ ލިބިދީފައެވެ.
ބޭރު ފައިސާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ނުވަތަ ޖަމާނުކުރާ ފަރާތްތަކާއި އެފަރާތަކުން ޖަމާކުރަންޖެހޭ އަދަދަށް ޖަމާނުކުރާ ފަރާތްތައް އެ ފަރާތަކުން އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.05 އިންސައްތައިން ޖޫރިމަނާކުރުމުގެ ބާރު އެމްއެމްއޭއަށް އޮންނާނެ އެވެ. އަދި ޖޫރިމަނާކުރުމުގައި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެފަރާތަކުން ވެފައިވާ ހިލާފު ރަނގަޅުކުރަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.05 އިންސައްތައަށް ވުރެ އިތުރުނުވާނެ އަދަދެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.
ބޭރު ފައިސާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ދިވެހި ރުފިޔާއަށް މާރުނުކުރާ ފަރާތްތަކާއ،ި އެފަރާތަކުން މާރުކުރަންޖެހޭ އަދަދަށް މާރުނުކުރާ ފަރާތްތައ،ް އެ ފަރާތަކުން އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.1 އިންސައްތައިން ޖޫރިމަނާކުރުމުގެ ބާރު ވެސް އެމްއެމްއޭއަށް ގާނޫނުން ލިބިގެންދާނެ އެވެ. އަދި ޖޫރިމަނާކުރުމުގައި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ވެފައިވާ ޚިލާފު ރަނގަޅުކުރަންދެން ނުވަތަ ޢަމަލުކުރަންޖެހޭ ކަންތައްތަކަށް ޢަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.1 އިންސައްތައަށް ވުރެ އިތުރުނުވާނެ އަދަދެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.
މިއަދު އަމަލު ކުރަން ފެށި މި ގާނޫނާއި އެކު، ގާނޫނާއި ހިލާފުވެއްޖެ ނަމަ، ކުރި ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި އެ ފަރާތެއް 10,000 ރުފިޔާ އާއި – އެއްމިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

