ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024: އެންމެ ކާމިޔާބު މަސައްކަތަކަށް ބިދޭސިންގެ މައްސަލަ ހައްލު ކުރުން!

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައިި ގަވާއިދާއިި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައިި ޖުމްލަ ހައްލެއް ގެނައުމަށްޓަކައިި ޓާގެޓުކޮށް ”ޓާސްކް ފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް“ ގެ ނަމުގައި ސަރުކާރުން ހާއްސަ ޕްރޮގްރާމެއް އިއުލާނު ކުރީ 2023، ނޮވެމްބަރ 26 ގައެވެ. މި މަސައްކަތުގެ ތެރެއިން ގަވާއިދާ ލާފަށް ބިދޭސީން ދިވެހިރާއްޖޭގައިި ހިންގާ ކުދިި އަދިި މެދު ފަންތީގެ ދާއިރާގައިި ހިމެނޭ ވިޔަފާރިތަކާއި ހަށިވިއްކާ ތަންތަނާއިި ރިންގުތަކާއި ފޮރިން އެކްސްޗޭންޖްގެ ވިޔަފާރިއާއި ހިއުމަން ޓްރެފިކިންގ ރިންގުތަކާއިި އަދިި ސިއްހީ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ހިންގާ ކާބޯތަކެތި ތައްޔާރުކޮށް ޑިސްޓްރިބިއުޓް ކުރުމުގެ ވިޔަފާރިތަކަށް ޓާގެޓުކޮށް ކަމާއި ގުޅުންހުރިި ހުރިހާ މުއައްސަސާތައް ގުޅިގެން އޮޕަރޭޝަންތައް ހިންގައި އެފަދަ ވިޔަފާރިތައް ބަންދުކޮށް، އެ މީހުން ވަނީ ޑީޕޯޓު ކުރަން ފަށާފަ އެވެ.

ރާއްޖޭގައިި ޖިނާއީ ކުދި ކުށްތަކަށް އަރައިގަންނަ ބިދޭސީންނާއި ވިސާއާއި ހިލާފުވާ ބިދޭސީންގެ ތެރެއިން ޑޮކިއުމަންޓު ހަމަވާ ފަރާތްތައް 48 ގަޑިއިރުގެ ތެރޭގައިި ދިވެހިރާއްޖެއިން ފުރުވާލުމަށް މި ޕްރޮގްރާމުގެ ތެރެއިން ސިޔާސަތު ކަނޑައަޅާފައި ވެއެވެ.

ބިދޭސީންގެ ރިންގުތަކަށް ޓާގެޓުކޮށް އޮޕަރޭޝަންތައް ފެށުނުއިރު މައްސަލަ އޮތީ އިންތިހާއަށް ގޯސްވެފައިކަން ފާހަގަކުރެވުނެވެ. ބިދޭސީންގެ ވިޔަފާރި ނެޓްވޯކުތައް އިންތިހާއަށް ބޮޑުވެފައި ވާތީ ބިދޭސީންނާއި އިމިގްރޭޝަނާއި ގުޅުން ހުރި މައްސަލަތައް ރިޕޯޓު ކުރުމަށް ”އިމިގްރޭޝަން ވޮޗް“ ގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފު ކުރުމުން ހުށަހެޅުނު މައްސަލަތައް އެއްހާހާއި ގާތް ކުރެ އެވެ.

މި މަސައްކަތުގެ ތެރޭގައި ފެންމަތިވި އެންމެ ކަންބޮޑުވާކަމަކީ، ބިދޭސީން ކާބޯތަކެތީގެ ވިޔަފާރި ކުރުމުގައި ސާފުތާހިރުކަމުގެ އެއްވެސް މިންގަނޑެއް ނުގެންގުޅުމެވެ. ސިއްހީ ސްޓޭންޑަޑްތަކަށް ނުފެތޭ ގޮތަށް ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނަށް އަމާޒުކޮށް ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް އެ ވިޔަފާރި ހުްޓުވި އެވެ.

މިހާތަނަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ނުތާހިރުކޮށް، މުޑުދާރު ތަންތަނުގައި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ގިނަ ބިދޭސީން ހިފަހައްޓާފައި ވެއެވެ. ބިދޭސީންގެ މައްސަލަތައް ރިޕޯޓު ކުރެވޭ އިމިގްރޭޝަން ވޮޗް ޕްލެޓްފޯމަށް ލިބޭ ރިޕޯޓުތަކާއި، އަދި އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް ރެއިޑު ކުރި އެފަދަ އެކި ކުދިކުދި ގޮޅިތަކުގައި ތައްޔާރު ކުރަމުން ދިޔައީ ދިވެހިން އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި ސްކޫލު ދަރިވަރުންނާއި، އޮފީސްތަކުގެ މުވައްޒަފުން ގަންނަ ސަބްމެރިން، ބާގަރ، ސޭންޑްވިޗް އަދި ހެދިކާއާއި ކާޖާގެ ބާވަތްތައް ހިމެނެ އެވެ.

ބިދޭސީން ދިރިއުޅޭ ކުޑަތަންކޮޅެއްގައި އެއްވެސް ސާފުތާހިރުކަމެއް ނެތި މިފަދަ ގޮތަކަށް ކާބޯތަކެތި ތައްޔާރު ކުރާތާ އެތައް ޒަމާނެއްވި ނަމަވެސް މިހާތަނަށް އޮތީ އެއްވެސް ފިޔަވަޅެއް ނޭޅި އެވެ. ދިވެއްސެއްގެ ނިވާފަތްގަނޑުގައި، ނުވަތަ އެފަދަ ބައިވެރިވުމެއް ނެތި ތައްޔާރު ކުރާ އެފަދަ ކާބޯތަކެތި ތައްޔާރު ކުރުމުގައި ބޭނުން ކުރަމުން ދިޔައީ ކުނިވެފައިވާ މަހުގެ ބާވަތްތައް ނުވަތަ ހަލާކުވެފައިވާ ތަރުކާރީ އެވެ. ކެއްކުމަށް ބޭނުން ކުރާ ތަކެއްޗަކީ މުއްދަތު ހަމަވެފައިވާ، ނުވަތަ ހަމަވާން ގާތްވެފައި ވާތީ ފިހާރަތަކުން އަގުހެޔޮކޮށް ވިއްކާފައިވާ ބާވަތެކެވެ.

މުޅި މައްސަލައިގެ ހައްލުގެ ފެށުން؛ އޮޕަރޭޝަން ކުރަނގި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން ފޭސަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެއާއި އެއްގޮތަށް ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ މައްސަލަތައް ދެނެގަތުމަށް ދަނީ އޮޕަރޭޝަން ކުރަނގި ނަމުގައި ހާއްސަ ޕްރޮގްރާމެއް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގަމުންނެވެ. އަދި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ފިންގަރ ޕްރިންޓް އަދި ފޮޓޯ ނުވަތަ ބައޯމެޓްރިކްސް ޑޭޓާ ނަގައި އެ ބިދޭސީ މީހާ އައިޑެންޓިފައިކޮށް އެކައުންޓް ކުރުމުގެ މަސައްކަތް މި ޕްރޮގްރާމުގެ ތެރެއިން ކުރިޔަށް ދާނެ އެވެ.

ޕްރޮގްރާމުގެ ދަށުން މިހާތަނަށް އަށް ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތުތައް ނަގައި ނިމިފައިވާއިރު އެއީ 4،272 މީހުންނެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ދޭއްގައި އެކުލަވާފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ދީ، ކައިުންސިލްތަކަށް ފިންގާ ޕްރިންޓް މެޝިންތަކެއް ހަދިޔާކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގައި ތިބޭ ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި ސިސްޓަމްގައި ފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށް ބައޯމެޓްރިކްސް ވެރިފައި ކުރެވޭގޮތަށް ސޮފްޓްވެއަރ އެއް ތައްޔާރުކޮށް ދަނީ ތަންފީޒު ކުރަމުންނެވެ، މި ސޮފްޓްވެއާއިން ބިދޭސީ މީހާގެ ފޮޓޯ ނަގައި ފޭޝަލް ރެކޮގްނިޝަން ޓެކްނޯލޮޖީގެ އެހީގައި އެމީހަކު ދެނެގަނެވޭނެ އެވެ. އޮޕަރޭޝަން ކުރަނގި ނިމިގެންދާއިރު އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންނަށް އެ ރަށެއްގެ ކައުންސިލުން ކާކުކަން އަންގައިދޭ ކާޑެއް ހަވާލު ކުރެވި އޭނާގެ ކަންކަން ބަލައްހައްޓާނެ ގޮތުގެ ނިޒާމެއް މިއާއި އެކު ތައާރަފު ކުރެވިގެން ދާނެ އެވެ.

ގާނޫނާއި ގަވައިދުތަކަށް ގެންނަ ބަދަލުތައް

ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު އެ ފަރާތްތަކާއި މެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅައި ދިވެހިރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކަށާއި އަދި ވިޔަފާރިތަކަށް ބޭނުންވާ ބިދޭސީން ގަވާއިދާ އެއްގޮތަށް އެތެރެކުރުމަށް ފަހިވާނެގޮތަށް ވަޒީފާއާއި ބެހޭ ގާނޫނަށް މި އަހަރު ވަނީ އިސްލާހު ގެނެވިފަ އެވެ.

ކޮންމެ ތިން އަހަރަކުން ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ބޮޑުކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްފައި ވަނީ އޮގަސްޓު 19 ގައެވެ. ގިނަ ބަދަލުތަކެއް އެ ގާނޫނަށް ގެންނަން ފާސްކުރި މި ބިލު ހުށަހަޅާފައި ވަނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހު ކުރުމުގެ ގޮތުންނެވެ. އަދި އެ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުމުގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭ އަދަދު ކަނޑައަޅާނީ، އެސެސްމެންޓް ރިޕޯޓެއް އެކުލަވާލައި ކެބިނެޓުގެ މަޝްވަރާގެ މަތީންކަމަށް އިސްލާހު ގެނައުމަށް ފަހުކަމަށް ކަނޑައަޅާފަ އެވެ. އަދަދުތައް ކަނޑައެޅުމުގެ ކުރިޔަށް ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމެންޓެއް ހަދަން ޖެހޭއިރު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ގޮތެއް ނިންމާނީ އެ ކަރުދާހަށް ކުރާ މަޝްވަރާއަށް ފަހުއެވެ. އަދި ގޮތް ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތަކުގެ ތެރޭގައި އެ ދާއިރާއަކުން ފަންނީ، އިލްމީ މީހުން ލިބެން ނެތުމާއި ބިދޭސީން އެ ދާއިރާއަކުން ވަޒީފާއަށް ނެގުމުގެ ސަބަބުން ކުރިއެރުން ލިބޭނެ މިންވަރެވެ.

މީގެއިތުރުން ކޯޓާ ކަނޑައަޅާއިރު ވަކި އަދަދަކަށް ވުރެ ގިނައިން އެ ގައުމަކުން ނުވަތަ ދާއިރާއަކުން ބިދޭސީން މަސައްކަތް ކުރަމުންދާ ނަމަ އެ އަދަދުގައި ހިފަހައްޓައި ކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރަންވާނެކަމަށް ބިލުގައިވެއެވެ.

ވަނީ ބިދޭސީއަކު މަސައްކަތްކުރާނެ ވޯކްސައިޓް ރަޖިސްޓަރީ ކުރުމާއި، ކަމާ ގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވޯކް ޕަމިޓް ހެއްދުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތާއި އެކު ހޯމް މިނިސްޓްރީ ދަނީ، ބިދޭސީ މަސައްކަތްތެރިންގެ ފީތަކާއި ކޯޓާގެ ފައިސާ ނުދައްކާ ކުންފުނިތަކުގެ ނަންތައް އާންމު ކުރަމުންނެވެ. ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމުކޮށް މިނިސްޓްރީ ވަނީ ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފަ އެވެ. މުއްދަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ކުންފުނިތައް، އެކެސްޕަޓް ސިސްޓަމުންގެ ހިދުމަތުން އުނި ކުރާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމުގެ ފޯމާއި، ވޯކް ސައިޓް ރެޖިސްޓްރޭޝަނަށް ބަދަލު ގެނެސްފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނިކޮށެވެ.

ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ހޯމް މިނިސްޓްރީން ވަނީ ސަސްޕެންޑުވެސްކޮށްފަ އެވެ. ބިދޭސީންގެ ވޯކްޕާމިޓް ފީ ނުދައްކައިގެން ލިސްޓު އާންމު ކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމު ކުރީ މިދިޔަ ޖުލައި މަހުގެ 24 ގައެވެ.

އެކްސްޕަޓް ސިސްޓަމަކީ ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއް ދީ، ހުއްދަތަކާއި ކޯޓާއާއި ގުޅުން ހުރި މަސައްކަތް ކުރިޔަށް ގެންދާ ނިޒާމެވެ. އެހެންކަމުން އެ ސިސްޓަމުގެ ތެރެއިން ކުންފުނި ނަގައި، ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ކުންފުންޏަށް ނުލިބޭނެ އެވެ.

އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުގެ ގޮތުގައި މިހާތަނަށް 3،692 ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: