ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ރައްޔިތުންގެ މަޖިލިސް ތެރެއިން ވައްޓާލަން އިދިކޮޅުން، އިންޑިއާގެ ބަޔަކާއި އެކު ގުޅިގެން މަސައްކަތް ކުރިމަށް ބުނެ ބޭރުގެ ނޫހަކުން ކުރި ރިޕޯޓުގައި ހިމަނާފައި ހުރީ ހިޔާލީ ވާހަކަތަކެއްކަމަށް އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ހުވާ ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ، އެމަނިކުފާނު އަޒުލު ކުރުމުގައި އިންޑިއާގެ ރޯގެ އެހީތެރިކަން އިދިކޮޅުން ހޯދިކަމަށް ބުނީ
އެމެރިކާގެ މަޝްހޫރު ނޫސް ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓެއްގައެވެ.
މި ރިޕޯޓުގައި ބުނެފައި ވަނީ، ވެރިކަން ވައްޓާލުމަށް އެމްޑީޕީ ނުވަތަ އިދިކޮޅު ކުރި މަސައްކަތުގައި ސީދާ އިންޑިއާގެ ސަރުކާރުގެ ބައިވެރިވުމެއް އޮތްކަން ނުވަތަ ނޫންކަން ނޭނގޭކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން ރޯއާއި އެކު ކުރި މަޝްވަރާތަކަށް ފަހު ކަރުދާހެއް އެކުލަވާލިއިރު އެ ލިއުމުގެ ކޮޕީއެއް ލިބިފައިވާކަމަށް ބުނެފައި ވެއެވެ. އަދި މެމްބަރުންނަށާއި ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިސަރަކަށް ރިޝްވަތު ދޭން ވެސް މަސައްކަތް ކުރިކަމަށް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ނުވީ، އެ ރިޕޯޓުގައިވާ ގޮތުން މައްސަލަ ވައްދަން ބޭނުންވާ މިންވަރަށް މެމްބަރުން ނުލިބުމުންނެވެ. އަދި އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރާއި ގުޅުނީ ވެސް އެ ދުވަސްވަރުކަމަށް ބުނެފައިވެއެވެ. ވެރިކަމާއި ކުޅެ މަޖިލީހުގެ ތެރޭގައި މަސައްކަތްތަކެއް ކުރަން އެމްޑީޕީ ރާވަމުންދާކަން ދިވެހި ސަރުކާރަށް ވެސް އެނގޭކަމަށް ރިޕޯޓުގައި ބުނެފައިވާއިރު އެކަމަށް ރަސްމީ ބަހެއް ލިބިފައި ނުވާކަމަށް ވެއެވެ.
މި ރިޕޯޓާއި ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ވިދާޅުވީ އެ ރިޕޯޓުގައި ވަނީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި ލިއުން ބިނާކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ކަންތަކެއްގެ މައްޗަށްކަމަށް ބުނެފައި ވެއެވެ.
ރަންދީން ޖެއިސްވާލް ވިދާޅުވި ގޮތުގައި މިއީ އިންޑިއާއި ރާއްޖެއާއި ދެކޮޅުވެރިވުމުގެ ގޮތުން ލިޔެފައިވާ ރިޕޯޓެކެވެ. އަދި ވޮޝިންގްޓަން ނޫހަކީ އިތުބާރު ކުރެވޭ ތަނެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާކަމަށް ވިދާޅުވި އެވެ.
”ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް“ ގެ ނަމުގައި ދެ ފަރާތުން ވެސް ކަރުދާހެއް ތައްޔާރުކުރިކަން ފާހަގަކޮށް ވޮޝިންގްޓަންގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ރިޝްވަތު ދީގެން މަޖިލިސް ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ވެސް ރޭވިކަމަށެވެ.
މީގެއިތުރުން ފުލުހުންނާއި، ސިފައިންގެ އިސް 10 އޮފިސަރަކަށް ރިޝްވަތުގެ ފައިސާ ދީ، ރާއްޖޭގެ ބާރުގަދަކަމަށް ބުނާ ބޮޑެތި ގޭންގުތައް ވެސް ވެރިކަން ވައްޓާލުމުގައި ޝާމިލު ކުރަން ރާވާފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ވޮޝިންގްޓަން ބުނި ގޮތުގައި ވެރިކަން ވައްޓާލުމަށްޓަކައި، ރޯ އެޖެންޓުންނާއި އިދިކޮޅު ލީޑަރުން ތައްޔާރު ކުރި ކަރުދާސް އެ އިދާރާއަށް ވަނީ ލިބިފައެވެ.
މުޅި މަސައްކަތުގެ ޕްލޭނަށް ފައިސާ ހޭދަކުރުމަށް ނިންމައި، ބަޖެޓު ކުރި 92.2 މިލިއަން ރުފިޔާ އިންޑިއާއިން ހޯދުމަށް އިދިކޮޅުން މަސައްކަތް ކުރިކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ވެރިކަން ބަދަލު ކުރުމަށް ބޮޑެތި ރޭވުންތައް ރޭވިނަމަވެސް އެކަން ކާމިޔާބުވާ ގޮތްވެފައި ނުވަނީ އެ ރިޕޯޓުގައިވާ ގޮތުން ބޭނުންވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުލިބުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި، ވޯޓަށް އަހައި އަޒުލު ކުރުމަށެވެ.
މި ރިޕޯޓުގައި އިންޑިއާއިން އިސްކޮށް ހަރަކާތްތެރިވިކަމަށް ބުނާ މީހާގެ ނަމާއި ތަފްސީލުތައް ވެސް ހިމަނާފައި ވެއެވެ. ޝިރީޝް ތޮރާތު ނަމަކަށް ކިޔަ އެ މީހާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަރުކަށި ފިކުރާއި ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއްކަމަށް ވެއެވެ.
ވޮޝިންގްޓަން ރިޕޯޓުގައި ބުނެފައިވަނީ، ރައީސް މުއިއްޒުގެ ވެރިކަން ބަދަލު ކުރަން އިންޑިއާގެ ސަރުކާރުގެ ބައިވެރިވުމެއް އޮތްކަން ނުވަތަ ނޫންކަން ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ވެރިކަމުގެ އެހާ ކުރީކޮޅު، ވެރިކަން ބަދަލު ކުރުމަށް ބައެއް މީހުން ދެކޮޅު ހެދިކަމަށް ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

