ރާއްޖެއާއި އެންމެ އަވައްޓެރި ގައުމެއްގެ ގޮތުގައި އޮތް އިންޑިއާއި ދެމެދު އޮތް ގުޅުން ހީނަރުވާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދޭނެކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ޚަލީލް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ދިއްލީއަށް ވަޑައިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއި މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ޚަލީލް ވަނީ މިއީ އިންޑިއާއާއި ދެމެދު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރޭނެ އަހަރުކަން ފާހާގަކޮށް، މިއަދާއި ހަމައަށް ވެސް ބޭނުންވި ކޮންމެ ވަގުތެއްގައި އެ ގައުމުން ދިން އެހީތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި އިންޑިއާ ގެންގުޅޭ ނައިބަހުޑް ޕޮލިސީގެ ދަށުން ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މާލީ ގޮތުން ބޮޑެތި އެހީތައް ފޯރުކޮށްދިންކަމަށް ވިދާޅުވި އެވެ.
ދެ ގައުމުގެ ގުޅުމަށް ހީނަރުކަމެއް އައިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އޮތް އިހުތިރާމު އަބަދުވެސް ދެމެހެއްޓިކަމަށެވެ.
ޚަލީލް ވިދާޅުވީ އިންޑިއާގެ ނައިބަހުޑް ޕޮލިސީގެ ދަށުންނާއި، ރާއްޖެއަށް ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް އެންމެ ގާތް އެކުވެރިޔާގެ ޒިންމާ އަދާކުރާތީ އެކަމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާކަމަށެވެ.
މީގެއިތުރުން ޚަލީލް ވިދާޅުވީ އިގްތިސާދީ ގޮތުން އިންޑިއާ ފޯރުކޮށްދިން އެހީތަކާއި އެކު ރާއްޖެއަށް އޭގެ ހެޔޮ ބަދަލު އައިސްފައިވާކަމަށެވެ. އަދި ކުދި މަޝްރޫއުތަކުން ފެށިގެން ބޮޑެތި މަޝްރޫއުތަކާއި ހަމައަށް އެހީފޯރުކޮށްދިން އިރު ޚަލީލް ވަނީ މިހާރު ކުރިޔަށްދާ ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓަކީ އިންޑިއާގެ އެހީގައި މިވަގުތު ކުރިޔަށް ދާ އެންމެ ބިޔަ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ”ދަ ވިއޮން“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
މީގެއިތުރުން ޚަލީލް ވިދާޅުވީ ވިޔަފާރިއާއި އިގްތިސާދީ ގޮތުން އިންޑިއާއި އެކު ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކުރިޔަށް ދާކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާކަމަށާއި، ގައުމަށް ގެންނަ ތަރައްގީގައި އެ ގައުމުގެ ބައިވެރިވުން މުހިންމުކަމަށް ޚަލީލް ވިދާޅުވި އެވެ.

