ވައުދުވެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މި އަހަރު ހިންގަން ފަށައި ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮޖެކްޓުތަކަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާނު ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކ. ގުޅިއަށް ވަޑައިގެން ރައީސް ވަނީ، ރައްޔިތުންނަށް ދިމާވެފައިވާ އެކި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި ހިނގަމުން މިދާ 2025 ވަނަ އަހަރަކީ، އެންމެ ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ކުރިޔަށް ދާނެ އަހަރުކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމެއް އައީ ވާރުތަވެގެން އައި ދަރަންޏާއި އެކު މާލީ ގޮތުން ގައުމު އޮތް ހާލަތުން އަރައިގަތުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަނެވި، ކާމިޔާބީތަކެއް ހޯދިފައިވާއިރު ދެން އޮތީ އިގްތިސާދީ ގޮތުން ރައްޔިތުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުންކަމަށް ރައީސް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ މި ފެށިގެން މިދިޔަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް.. 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް އަޅުގަނޑުމެން ހަދާނަން.. މި އަހަރުގެ މި މަހުގެ ތެރޭގައި ބަޖެޓުން އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ބޯހިޔާވަހިކަމުގެ ހުރިހާ.. ރަށްރަށުގައި ފެށުމަށް މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ރަށްތަކުގައި ހިންގަން ކެމްޕެއިނުގައި މެނިފެސްޓޯގައި ހިމަނާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަދޭނެ ފަރާތްތައް ހޯދައި އަމަލީ ގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދަން އެބަ އިއުލާނު ކުރަން.. މި ޖެނުއަރީ މަސްތެރޭގައި
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯހިޔާވަހިކަމާއި ގުޅޭގޮތުން އެމަނިކުފާނުވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި މާލޭގެ ސަރަހައްދުގެ މަސައްކަތްތައް ވެސް މެނިފެސްޓޯގައިވާ ގޮތުގެ މަތީން ކުރިޔަށް ދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ޖެނުއަރީ މަހު މަސައްކަތް ކުރަން ކޮންޓްރެކްޓަރުން ހޯދަން އިއުލާނުކޮށް، މި އަހަރުގައި އަމަލީ ގޮތުން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ހާއްސަ އިސްކަމެއް ދީފައި ވެއެވެ.

