ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ”ރަސްމާލެ“ ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރުތައް ގެނެސް އެ މަސައްކަތް މި އަހަރު ތިން ގުނަ އަވަސް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފައިނޭންސާ ގުޅުން ހުރި ބައެއް ކަންތަކެއް ދިމާވެ، މަޝްރޫއުއަށް މަޑުޖެހުމެއް އައި ނަމަވެސް ސަރުކާރުން ވަނީ މަޝްރޫއު މިދިޔަ އަހަރަށް ވުރެ އަވަސް ސްޕީޑެއްގައި ކުރިޔަށް އޮތް ތަނުގައި ކުރިޔަށް ދާނެކަން ހާމަކުރައްވާފަ އެވެ.
ކ. ގުޅިއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާއި ދެއްކެވި ވާހަކައިގައި ރައީސް ވަނީ މި އަހަރު ބޯހިޔާވަހިކަމުގެ ގިނަ މަޝްރުއޫއުތައް ކުރިޔަށް ދާނެކަމަށް ވިދާޅުވެފަ އެވެ. އަދި 2025 ވެގެން ދާނީ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށް ދާ އަހަރަށްކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދު ފާހަގަކުރައްވައި، މިއަދު ރައީސް ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓު ކާމިޔާބުވުމުން އެއް ސަރަހައްދަކުން ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެކަމަށެވެ. އެ މަސައްކަތަށް މިދިޔަ އަހަރު ދަތިތަކެއް ދިމާވީ މާލީ ގޮންޖެހުންތަކާއި އެކު ބަޖެޓުގައި ވެސް ކުރި ދަތިތަކެއްގެ ސަބަބުންކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ބޭނުންވި ސްޕީޑުގައި އޭރު މަސައްކަތް ކުރިޔަށް ނުދިޔަ ނަމަވެސް، މި އަހަރު އެ މަސައްކަތުގެ ސްޕީޑު ދެގުނަ އިތުރު ކުރައްވާނެކަމަށެވެ.
އާދެ، ހަމަ ޖުމްލަގޮތެއްގައި އަޅުގަނޑު މި ދަންނަވާލީ، މައިގަނޑު ގޮތެއްގައި މިހިރަ ކަންތައްތައް. މިތާ ކައިރީގައި އޮތް ވަރަށްބޮޑު ފަޅެއް، އަޅުގަނޑުމެންގެ ގެދޮރުވެރިކަން ޙައްލުކުރުމުގައި އެންމެ މުހިންމު މަޝްރޫޢު މި ހިނގަނީ. ރަސްމާލެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް، ބޯހިޔާވަހިކަމުގެ މައްސަލައަށް، އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލު އަންނާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ އެއީ އެއްތަނަކުން، އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެ އެންމެބޮޑު މަޝްރޫޢު. މިހާރު ޢަމަލީގޮތުން ބިން ހިއްކުން އެ ހިނގަނީ. އަދި އިތުރު ބައެއް ފަރާތްތަކުން، އިތުރު ބައެއް ކޮމްޕެނީތަކުން އަޅުގަނޑުމެން އެތަނަށް ޑްރެޖަރު މޮބަލައިޒް ކުރުވައިގެން، އެއްފަހަރާ އެތައް މަޝްރޫޢުތަކެއް، އެތައް ފަރާތްތަކެއްގެ މަސައްކަތްތައް އެތާ ފެށުމަށް މަސައްކަތް މި ކުރަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ސްޕީޑް ދެގުނަ އަދި ތިންގުނައަށް ބާރުވާނެ.
ރައީސް ވިދާޅުވީ ރަސްމާލެ ވެގެން ދާނީ އެއް ފަސްގަނޑެއްގައި އެންމެ ގިނަ ބަޔަކު އާބާދުވާނެ މަޝްރޫއުއަށް ކަމަށެވެ. އަދި މިހާރު އަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާއިރު، ޑްރެޖަރުތައް މޯބަލައިޒްކޮށް ޕްރޮޖެކްޓު ކުރިޔަށް ދާނެކަމަށް ވިދާޅުވި އެވެ.


One Response
ކުރިން ދެއްކި ވާހަކަތަކު ގެ ރިޕީޓް ޕްރޮގްރާމެއް. ހަގީގަތަކީ ބުނި ތާރީޚަށް އެއްކަމެއްވެސް ކުރިޔަށް ނުދާކަން.