އާރްއެސްޑަބްލިއު ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް މަސްވެރިންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އެކްސް މެދުވެރިކޮށް ޝާއިޢުކުރި ޕޯސްޓެއްގައި، މަސް ފިނިކުރުމުގެ ނިޒާމު ޤާއިމުކުރުމަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ ފައިނޭންސިންގް ފެސިލިޓީއާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ފެސިލިޓީގެ ދަށުން، އަލަށް ބަންނަ މަސްވެރި އުޅަނދުފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރެވޭނެއެވެ. މީގެ ސަބަބުން މަސްވެރިންނަށް ފުރިހަމަ މަންފާ ލިބި، އައިސް ހޯދުމަށް ކުރަންޖެހޭ ޚަރަދާއި ހޭދަވާ ވަގުތު ސަލާމަތްކުރެވޭނެކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ފެސިލިޓީގެ ދަށުން، 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ނަގާ ފައިސާ 10 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖެހިފައިވާއިރު، އިސްލާމީ ފައިނޭންސިންގް އުޞޫލުގެ ދަށުން އަހަރަކު 6 އިންސައްތައިގެ ފައިދާ ނެގޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި މި ފެސިލިޓީގެ ޚިދުމަތް ލިބިގަތުމަށް އެއްވެސް ރަހުނެއް ބެހެއްޓުމުގެ ބޭނުމެއް ނެތްކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

