މަގާމުން ދުރުކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އަޒުލުކޮށްފައިވާ ރައީސް ޔޫން ސުކް ޔޯލް މިހާރުވަނީ ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ ޑިޓެންޝަން ސެންޓަރަކަށް ގެންގޮސްފައެވެ. އޭނާގެ މައްޗަށް މި ފިޔަވަޅު އެޅުމުގެ ކުރިން އެންޓި ކޮރަޕްޝަން އޮފިޝަލުންވަނީ ސުވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިކަމަށްވާއިރު ހައްޔަރުކޮށްފައިވަނީ މިފަހުން އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކުރި މައްސަލައާއި ގުޅިގެންކަން ފާހަގަކުރެވެއެވެ.
ޔޫން ދެކުނު ކޮރެއާގެ ތަންފީޒީ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޮޑު އޮޕަރޭޝަނެއް ހިންގުމަށްފަހުކަމަށްވާއިރު އޭނާވަނީ އެ ގައުމުގެ އެންޓިކޮރަޕްޝަން އެޖެންސީއަށް މައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެން ނުވާކަމަށް އެކި ފުރުސަތުތަކުގައި ވިދާޅުވެފައެވެ. ނަމަވެސް އޭނާ ޑިޓެންޝަނަށް އެއްބަސްވެފައިވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު އޮތުމުން އެކަމަށް ޖާގަ ނުދެއްވުމުގެ ގޮތުންނެވެ.
ނޫސްތަކުން ބުނާގޮތުން ޔޫންއަކީ މިހާތަނަށް ވެރިކަމުގައި ހުންނަވަނިކޮށް ހައްޔަރުކޮށްފައިވާ ފުރަތަމަ ރައީސްކަމަށެވެ. އަދި އޭނާގެ މައްޗަށް ބޮޑު ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްކަންވެސް ފާހަގަކުރެއެވެ. އެންޓި ކޮރަޕްޝަން އެޖެންސީގެ ހެޑްކުއާޓާރޒްއަށް ގެންދިއުމުގެ ކުރިން ވީޑިއޯ މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއްގައި ޔޫންވަނީ އެ ގައުމުގައި ގާނޫނީ ބާރުވެރިކަން އެކޮށް ނެތިގޮސްފައިވާކަމަށް ވިދާޅުވެފައެވެ.
ޔޫން މިފަހުން ހުންނެވީ ވެރިރަށުގައިކަމަށްވާއިރު އޭނާވަނީ ވެރިކަމުން ދުރުކުރުމަށް މަސައްކަތްކުރާ ނުފޫޒުތަކާއި ދެކޮޅަށް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހަނގުރާމަކުރެއްވުމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެ ގައުމުގައި ކުއްލި ހާލަތު އިއުލާކުރުމަކީ ރަނގަޅަށް ކުރެވިފައިވާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއިރު އެއީ ދައުލަތާއި ދެކޮޅަށް މަސައްކަތްކުރާ ބާރުތަކާއި ދެކޮޅަށް ކުރެއްވި މަސައްކަތްތަކެއްކަމަށް ސިފަކުރެއްވިއެވެ.

