ދިވެހިރާއްޖެ މާކެޓުކުރުމަށްޓަކައި އިންޑިއާގައި އެމްއެމްޕީއާރްސީން އެންޑޯސްކޮށްފައިވާ ކާނިވަލް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއެމްޕީއާރްސީން މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިންވަނީ އިންޑިއާގެ އެންމެ ފުންނާބު އުސް އޮންލައިން ޓްރެވަލް ކުންފުނިކަމަށްވާ ޕިކްޔޯޓްރެއިލްއިން މޯލްޑިވްސް ކާނިވަލް 2025ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް އެންޑޯސްކޮށްފައިކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހާއި 12 ވަނަ ދުވަހުގައި އިންޑިއާގެ ގުރްގާއޯގައި ހުންނަ އެމްބިއެންސް މޯލްގައެވެ. މި ކާނިވާގެ ހަރަކާތްތައް ފައްޓަވައިދެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު އައިޝަތު އަޒީމާކަމަށްވާއިރު ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ކާނިވާ ހަރަކާތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކުރެވިގެންދާ ތަޖުރިބާތައް ޝޯކޭސްކޮށްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.
މޯލްޑިވްސް ކާނިވަލް 2025ގެ ނަމުގައި ބޭއްވި މި ހަރަކާތުގައި ރާއްޖޭގެ 17 ރިސޯޓެއްގެ ބޫތުތައް ބަހައްޓާފައިހުރިއިރު، އެ ރިސޯޓުތަކުގެ ހާއްސަ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިހުރިކަންވެސް ފާހަގަކޮށްފައިވެއެވެ. ކޮންމެ ބޫތެއްގައިވެސް ޕިކްޔޯޓްރެއިލްގެ މަންދޫބެއް ހުރިއިރު ޒިޔާރަތްކުރި ފަރާތްތަކަށް އެ ބޫތުން ރަމްޒުކޮށްދޭ ރިސޯޓަކާއި ގުޅޭ ހާއްސަ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. އަދި ކާނިވާގެ ބައިވެރިންނަށް އިންޑިއާގައި ތިބެގެން ދިވެހިރާއްޖޭގެ ތަޖުރިބާތައް ކުރެވިގެންދާނެ ހާއްސަ ހަރަކާތްތައްވެސް ހުޅުވާލެވިގެންދިޔަކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

