ރާއްޖެއާއި އެސްޓޯނިއާގެ ދެމެދު ޑިޖިޓަލް މަސައްކަތްތަކާއި ތިމާވެށި އަދި ސިޔަސީ ދާއިރާއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމްއޯޔޫތަކެއްގައި ސޮއިކުރެއްވިފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
އެސްޓޯނިއާގެ ރައީސް އަލާރ ކަރިސްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ޑރ މުއިއްޒުވަނީ އެ ދަތުރުފުޅަކީ އުންމީދުތައް އައުވެގެންދިޔަ ދަތުރުފުޅެއްކަން ހާމަކުރައްވާފައެވެ. އަދި ދަތުރުގެ ތެރެއިން ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރެއްވިއިރު އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންގެ އިތުރުން ރައީސް އަލާރ ކަރިސްއަށްވެސް ޝުކުރުއަދާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން މުޅިން އައު ޒަމާނެއްގެ ތެރެއަށް ގެންދެވިފައިވުން ފާހަގަކުރެވިގެންދާކަމަށެވެ. އަދި ވަރަށް ބިނާކުރަނިވި ގިނަ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވި ޑިޖިޓަލައިޒޭޝަންގެ އިތުރުން ތިމާވެއްޓާއި ސިޔާސީ މަސައްކަތްތަކާއި ގުޅުންހުރި އެމްއޯޔޫތަކެއްގައި ސޮއިކުރެވިފައިވާކަން ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެސްޓޯނިއާގެ ޑިޖިޓަލް މަސައްކަތްތަކަކީ ދެފުށް ފެންނަ ގޮތަކަށް ސަރުކާރު ހިންގުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަމަށެވެ. އަދި އެ ގައުމުގެ މަސައްކަތްތަކުން ދަސްކުރުމަށް ލިބިގެންދިޔަ މި ފުރުސަތަށް ދިވެހިރާއްޖެއިން ޝުކުރުވެރިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑަށް އަހައްމިއްޔަތު ދޭކަމަށާއި އެއީ މި ދަތުރުގެ އެންމެ މުހިންމު އުސްއަލިކަމަށެވެ.

