ސަގާފަތަކީ މުޖުތަމަޢުގެ އާދަކާދަތަކާއި އުޅުމާއި ގުޅިފައިވާ ދިގު މުއްދަތެއްގައި ދެމިގެންދާ އާންމު ވައްޓަފާޅިތަކެވެ. ދިވެހިރާއްޖޭގައި ޤައުމަށާއި ރައްޔިތުންނަށް ފައިދާހުރި ރަނގަޅު ސަގާފަތްތައް ހުރިނަމަވެސް، ހިތާމައަކީ ބައެއް ނޭދެވޭ އާދަކާދަތައް މިހާރު ސަގާފަތުގެ ބައެއްގެ ގޮތުގައި އަށަގެންފައިވުމެވެ. މިފަދަ ކަންކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބި، މުޖުތަމަޢަށްވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ.
މިގޮތުން، ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް އުފެއްދުމާއި ފެތުރުމާއި، މީހުންގެ އަބުރަށް އަރައިގަތުން އާދައަކަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިކަން ހަމައެކަނި ސިޔާސީ ދާއިރާއަކަށް ހަނިވެފައެއް ނުވެއެވެ. އާންމު މުޖުތަމަޢުގެ ތެރޭގައިވެސް މިފަދަ ޢަމަލުތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް ސިޔާސީ މައިދާނުގައި މިކަން ވަނީ ހައްދުފަހަނައަޅާފައެވެ. ބައެއް ފަރާތްތަކުން މިކަން ވަނީ އާމްދަނީ ހޯދުމުގެ ވަސީލަތަކަށް ހަދާފައެވެ. އެހެންނަމަވެސް މިފަދަ ޢަމަލުތަކުގެ ސަބަބުން އަމާޒުވާ ފަރާތްތަކަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ވިސްނާލުމެއް ނެތްކަން ހިތާމައާއެކު ފާހަގަކުރަމެވެ.
އެންމެ ފަހުން ފާހަގަކުރެވުނު މައްސަލައެއްގެ ގޮތުގައި، ސްކޫލެއްގެ މުދައްރިސުންތަކެއް މިސްކިތެއްގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝާއިޢުކުރެވުނު ޕޯސްޓެއްގެ ސަބަބުން އުފެދުނު ހަލަބޮލިކަން ފާހަގަކޮށްލެވެއެވެ. މި ހާދިސާގެ ސަބަބުން އެ ރަށުގެ ނަމަށް އުނިކަން އައިސް، ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ފަހުން ކައުންސިލުން ހާމަކުރި ގޮތުގައި މިކަން ހިނގާފައިވަނީ އެފަދަ ހަރަކާތްތަކަށް ޚާއްޞަކުރެވިފައިވާ ހޯލެއްގައެވެ. މީގެ އިތުރުން، ސަރުކާރުން ޓިކްޓޮކް އަދި އެކްސް ފަދަ މަންސަތަކަށް ހުރަސްއެޅުމުގެ ވާހަކަތަކެއްވެސް ފެތުރުނެވެ. ނަމަވެސް މިއީވެސް ހަޤީޤަތާ ޚިލާފު މަޢުލޫމާތެއްކަން ފަހުން ސާބިތުވިއެވެ.
މީގެ އިތުރުން، ވައްކަމާއި ޚިޔާނާތުގެ ތުހުމަތުތައް ކުރުމުގައިވެސް އެކަށީގެންވާ ތަޙްޤީޤެއް ނެތި ޢަމަލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ. އަޑުއިވޭ ކޮންމެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، މުޖުތަމަޢުގެ ތެރެއަށް ނޭދެވޭ ތަޞައްވުރުތަކެއް ފެތުރެމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ސޯޝަލް މީޑިއާގެ މަންސަތަކަކީ ރަނގަޅު ގޮތުގައި ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ނަމަވެސް، މި މަންސަތަކުގެ ނަހަމަ ބޭނުންކުރުމުގެ ސަބަބުން، އޭގެ ރަނގަޅު ބޭނުން ހިފާ ފަރާތް ހިފާ ފަރާތްތައްވެސް ނޭދެވޭ ކަންކަމާ ގުޅުވުމުގެ ފުރުޞަތު އޮވެއެވެ.
މިއީ މިއަދު އާދައެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، ޙަޤީޤަތުގައި މިއީ ޤައުމީ ފެންވަރުގައި ޙައްލެއް ބޭނުންވެފައިވާ ސީރިއަސް މައްސަލައެކެވެ. އިސްލާމްދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ބޮޑެތި ފާފަތަކާއި ކުށްތަކުގެ ތުހުމަތު އެކަކު އަނެކަކަށް ކުރަމުންދާއިރު، މިކަމުގައި އެކަށީގެންވާ ޝަރުޢީ އަދަބު ތަންފީޛު ނުކުރެވޭކަމީ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަދި މި ދޮގު ވާހަކަތަކުގެ ސަބަބުން މީހުންގެ ނަޒަރުގައި އަންނަ ބަދަލުތަކާއި، މިފަދަ ޢަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންޞާފު ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
ސިޔާސީ ބޭނުމަށް މީހުންގެ އަބުރަށް އަރައިގަތުމުގެ ސަބަބުން، އެ ފަރާތްތަކުގެ މުޅި ދިރިއުޅުމަށާއި ޢާއިލާއަށް ކުރާ ނޭދެވޭ އަސަރުތަކަށް އެކތަކަށް އެކަށީގެންވާ ޙައްލެއް ނުލިބި އޮތުމަކީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ އައު މައްސަލައެއް ނޫނެވެ. އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލި ދިއްކުރާއިރު، ޝަރުޢީ ނިޒާމުގެ ތެރެއިންވެސް މިކަމަށް އެކަށީގެންވާ ޙައްލެއް ނުލިބުމަކީ އިތުރު ގޮންޖެހުމެކެވެ. އިންޞާފު ހޯދުމަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވެ، އޭގެ ބޭނުން ގެއްލޭ ހިސާބަށް ދިއުމަކީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ.
މި މައްސަލައަށް ޙައްލު ހޯދުމުގައި އެންމެ މުހިންމު ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. އެކަކު އަނެކަކުގެ އިޙްސާސްތަކަށް ވިސްނައި، އެހެން މީހުންނާމެދު ހަމްދަރުދީވެ، އެކަކު އަނެކަކުގެ އަބުރު ރައްކާތެރިކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި ސާބިތު ނުހިފޭ ވާހަކަތައް ފެތުރުމުން ދުރުހެލިވުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިފަދަ ކަމެއްގެ ޝިކާރައަކަށް ވުމުން ތިމާއަށާއި ތިމާގެ ޢާއިލާއަށް ކުރާނެ އަސަރު ވިސްނައި، އެހެން މީހުންނަކީވެސް އިޙްސާސްތަކެއް ހުރި އިންސާނުންކަން ދަނެ، މިފަދަ ނޭދެވޭ އާދަތަކުން ދުރުހެލިވުމަކީ މުހިންމު ކަމެކެވެ. މިފަދަ ކަންކަމަށް ފިޔަވަޅު އެޅި، އަދަބު ތަންފީޛު ކުރި ނަމަވެސް، މުޖުތަމަޢުގެ ސުލޫކު ރަނގަޅު ނުވާހާ ހިނދަކު އެކަށީގެންވާ ޙައްލެއް ނުލިބޭނެކަން ގަބޫލުކުރަންޖެހެއެވެ.

