ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޓަން މޫދަށް ކޮއްޕާލިކަމަށް ތަހުގީގުގައިި އިއުތިރާފުވީ ފުލުހުން މަޖުބޫރުކޮށްގެންކަމަށް ނިޒާމް ބުނެފި

ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ނިޒާމްގެ މައްޗަށް އުުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

އާދިއްތަ ދުވަހުގެ މި އަޑުއެހުމުގައި އޮތީ މައްސަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވުމެވެ. އެގޮތުން ލިޓަން އެންމެ ފަހުން ދިރިހުއްޓައި ފެނިފައިވަނީ ނިޒާމްއާއެކު ކަމަށްވާތީ މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ”ދި ލާސްޓް ސީން ތިއަރީ“ ގެ މައްޗަށް ބިނާކޮށެވެ.

އޭނާ ނިޒާމްއާއެކު ފުރައިގެން ދިޔަ މަންޒަރު ފެނުނުކަމަށް ބުނާ ހެކިވެރިން ދައުލަތުން މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެކަން އެ ހެކިވެރިން ވަނީ ތަހުގީގަށްވެސް ކިޔާދީފައެވެ. އަދި ސީސީޓީވީ ފުޓޭޖުުންވެސް ބަނދަރު ސަރަޙައްދުން ލިޓަން ފެންނަ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެގެން އުޅެނިކޮށް ދޯނީގެ ވެރިފަރާތަށްވެސް މައުލޫމާތު ލިބިފައިވަނީ ދޯނި އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އޭގެ ފަހުން ލިޓަންއާއި ނިޒާމު ހޯދަމުން ދަނިކޮށް ނިޒާމް ފެނިފައިވަނީ މާލެއިންނެވެ.

މި މައްސަލައިގައި ލިޓަން މަރާލިކަން ފިޔަވައި ދައުވާގެ ހުރިހާ ވާގިއާއަކަށް ނިޒާމް ތަހުގީގުގައިި އިޤުރާރުވެފައިވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ލިޓަން މޫދަށް ވައްޓާލިކަމާއި، ލިޓަންގެ ގިނަ އަދަދެއްގެ ފައިސާ ނެގިކަމަށްވެސް އޭނާ އެއްބަސްވެ ތަހުގީގަށް އެކަން ކިޔާދީފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭރު އޭނާ ތަހުގީގަށް ކިޔާދިން ގޮތުގައި  އެ ފައިސާއިން އޭނާ ވަނީ މަސްތުވާތަކެތި ގަނެފައެވެ.

އެހެންކަމުން ދައުލަތުން ވަނީ އޭނާ ލިޓަން މޫދަށް ކޮއްޕާލާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ބުނެފައެވެ. އަދި މޫދަށް ވައްޓާލުމަށްފަހު، ދޯނީގައި ހުރި 51،000 ރުފިޔާ ވަގަށް ނަގާފައިވާކަަމަށް އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެއެވެ

އޭނާ ހައްޔަރުކުރި ވަގުތުވެސް އޭނާގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އިފްތިތާޙީ ބަޔާން ހުށަހަޅުއްވަމުން ދިފާއީ ވަކީލު ވިދާޅުވީ، އެ ދުވަހު ލިޓަންއާއެކު ދޯނީީގައި ދަތުރު ކުރިކަމަށް ނިޒާމް އިންކާރު ނުކުރާ ކަމަށާއި، ނިޒާމް ވަކިން އެނބުރި އައީ އޭނާ އަވަހަށް މާލެ އަންނަންޖެހޭތީ ކަމަށެވެ. ފަހުން ލިޓަން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ނިޒާމް އަމިއްލައަށް ފުލުހަށް ހާޒިރުވެ މައުލޫމާތު ދީފައިވާކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ނިޒާމް ތަހުގީގުގައި އިއުތިރާފުވިކަމަށް ދައުލަތުން ބުނި ވާހަކައަށް ރައްދު ދެއްވައި އޭނާގެ ވަކީލު ވިދާޅުވީ، ނިޒާމް އިއުތިރާފުވެ ވާހަކަ ދައްކަން ޖެހުނީ ފުލުހުން އެކި ގޮތްގޮތަށް ބިރު ދެއްކުމުގެ ސަބަބުން މަޖުބޫރުވެގެން ކަމަށެވެ. އެގޮތުން ”އެއްބަސްނުވެއްޖެ ނަމަ ވާނެގޮތް އެނގޭނެ“ ފަދަ އިބާރަތްތައް އެވަގުތު ތަހުގީގު އޮފިސަރުން ބޭނުން ކުރެއްވިކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތާއި ދިފާއުންވެސް އިފްތިތާޙީ ބަޔާން އިއްވާފައިވާތީ ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނަގަން ފެށުމެވެ. އެގޮތުން މި މައްސަލައިގައި ހެކިވެރިންގެ ގޮތުގައި ހުށަހަޅާފައިވަނީ ހަމައެކަނި ދައުލަތުގެ ހެކިންނެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ނިޒާމްގެ ބަޔާން ނެގިއިރު ބިރު ދެއްކިކަމަށް ދިފާއުން މިހާރު ބުނަމުންދާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ހެކިބަސް ނަގަން ބޭނުންވާކަންވެސް ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

މައްސަލައިގެ ފަސްފަހަތް:

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމް ވެސް ގެއްލިފައިވާކަމަށް ބުނެ ފުލުހުން އޭނާ އާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ނިޒާމް މާލެއިން ފެނިގެން ފުލުހުން ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ.

ލިޓަންގެ ހަށިގަނޑު ފެނިފައިނުވި ނަމަވެސް ނިޒާމް ކުރި ކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއް ކަމަށާއި، އެއީ އެނޫން ނަތީޖާއެއް ނުނިކުންނާނެ ކަމެއްކަން ދައުލަތުން ކޯޓުގައި ސާބިތުކޮށްދޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކާއި، އެހެން ހެކިތަކުން އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: