މެޓަރނިޓީ ލީވްގައި ދަރިފުޅު މަރުވެއްޖެ ޙާލަތެއްގައިވެސް ޗުއްޓީ ކެންސަލް ނުވާގޮތަށް ބަދަލު ގެނައުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާނެކަމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބުނެފިއެވެ.
ޕީއައިއެލްސީން އެގޮތަށް ނިންމާފައިވަނީ ވިހެއުމުން ދޭ ހަމަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވުމުން އަނބުރާ ވަޒީފާ އަށް ނުކުތުމަށް އެންގި މައްސަލަތަކަކާއި ގުޅިގެންނެވެ. ސަބަބަކީ އެ ޙާލަތުގައި ވަޒީފާއަށް ނުކުތުމަކީ ދަތިކަމަކަށްވާނެތީީއެވެ.
ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރާ އަންހެނުނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއެއް މުސާރައާއި އެކު ލިބޭ ގޮތަށް ސަރުކާރުން ނިންމެވުމާއި އެކު ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެހެން މުވައްސަސާތަކުން އެކަމަށް ހާއްސަ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލާފައިވެއެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެ ޙާލަތެއްގައި އަނބުރާ ވަޒީފާއަށް ނުކުންނަން ޖެހުމަކީ ގިނަ ފަރާތްތަކަކަށް ތަކުލީފަކަށްވާ ކަމެކެވެ.

