އެމެރިކާގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް އެ ގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކަނޑައެޅިފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވާކަމަށް ޓިކްޓޮކްއިން ބުނެފިއެވެ.،
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެމެރިކާގެ ސަރުކާރުން އެ ގައުމުގައި ޓިކްޓޮކް ބޭންކުރުމަށް ނިންމުމާއިއެކު މިހާރު އެ އެޕްލިކޭޝަނުންވަނީ ހިދުމަތްތައް މެދުކަނޑާލާފައެވެ. އެޕްލިކޭޝަނުންވަނީ މިކަން މެސެޖެއް މެދުވެރިކޮށް ބޭނުންކުރާ މީހުންނަށް އަންގާފައިކަމަށްވާއިރު ޖެނުއަރީ 20 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކަނޑައެޅިފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ކުންފުންޏާއިއެކު އެމެރިކާގެ ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ އިޝާރާތްތަކެއް ކުރައްވާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މިވަގުތު އެ ގައުމުގެ އެޕަލް އަދި ގޫގަލް އެޕްސްޓޯތަކުންވެސް އެޕްލިކޭޝަން ފެންނަން ނެތްއިރު ސަބަބަކީ ވެރިކަމުން ފައިބައިވަޑައިގަތުމަށް ކަނޑައެޅިފައިވާ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ގާނޫނެއް ފާސްކޮށްފައިވުންކަން ފާހަގަކުރެވެއެވެ. ގާނޫނުގެ ދަށުން ޗައިނާގައި ބޭސް ވެފައިވާ ޓިކްޓޮކްގެ ވެރި ކުންފުނި ބައިޓްޑާންސްއަށް ޕްލެޓްފޯމް ވިއްކާލުމަށް ބާރު އަޅާފައިވެއެވެ. އެ ނޫން ހާލަތުގައި އެ އެޕްލިކޭޝަން ބޭން ކުރުމަށް ގާނޫނީގޮތުން ކަނޑައެޅިފައިވެއެވެ.
މިކަމަށް ތާއީދުކުރި ގާނޫނުހަދާ ފަރާތްތަކުންވަނީ އެއީ އެ ގައުމުގެ ސަލާމަތީ ހިދުމަތްތައް ކަށަވަރުވެފައި އޮތުމަށް ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން މިި ފިޔަވަޅަކީ ބޭރުގެ ނުފޫޒުތަކުން ފަތުރަމުންދާ ޕްރޮޕަޖެންޑާއިން އެ ގައުމުގެ ރައްޔިތުން ދުރުހެލި ކުރުމަށްޓަކައި އެޅިގެންދިޔަ ފިޔަވަޅެއްކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާގޮތުން ނޫސްތަކުން ފާހަގަކުރެއެވެ.
އެމެރިކާގެ ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން ބައިޑެންގެ ސަރުކާރުން ބޭންކުރުމަށް ވުޖޫދުކުރި ގާނޫނު ތަންފީޒުކުރުމަށް ގަސްތެއް ނުކުރެއެވެ. ނަމަވެސް އެކަން ކުރުމުގެ ޒިންމާ އެޅިގެންދާނީ އައު ރައީސް ޓްރަމްޕުގެ މައްޗަށްކަމަށާއި ޓިކްޓޮކްއިންވަނީ ބައިޑެންގެ ސަރުކާރުން ވަކި ގޮތެއް އަންގައި އިއުލާނު ނުކުރާ ހިނދު ހިދުމަތްތައް މެދުކެނޑިގެންދާނެކަން އިއުލާނުކޮށްފައެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖޯން ޕިއޭރް ވިދާޅުވީ، ޓިކްޓޮކުން އެ ގައުމުގެ ސަރުކާރަށް ވަކި ގޮތެއް ނިންމުމަށް އެދި ޖައްސަމުންދަނީ ސްޓަންޓެއްކަމަށާއި ޓްރަމްޕު ވެރިކަމަށް އައުމަށް މަދު ދުވަސްތަކެއް އޮތްއިރު އެފަދަ ޕްލެޓްފޯމްތަކުން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ކޮންމެެހެން ނުޖެހޭކަމަށެެވެ.
ބައިޓްޑާންސް ކުންފުންޏަށް ޓިކްޓޮކް ވިއްކާލުމަށް 9 މަސް ދުވަސް ލިބުނުއިރު އެ ކުންފުނިން ނިންމީ ވުޖޫދު ކުރި ގާނޫނު ބާތިލުކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ގައުމުގެ ސުޕްރީމް ކޯޓުންވެސް ވަނީ ޗައިނާ އާއި ބޮޑެތި ގުޅުންތަކެއް އޮތްކަމަށް ފާހަގަކޮށް ގައުމީ ސަލާމަތަށް ރިއާޔަތްކޮށް ގާނޫނު ދެމެހެއްޓުމަށް ނިންމާފައެވެ.
ޓްރަމްޕު ވިދާޅުވީ، މިކަމާއިމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަސައްކަތްތަކުގެ ތަފްސީލުތައް ރިވިިއުކުރަންޖެހޭކަމަށެވެ. އަދި ބޮޑަށް ބުރަވެވެނީ ޖެނުއަރީ 19 ވަނަ ދުވަހަށް ކަނޑައެޅި ޑެޑްލައިންގެ މުއްދަތު 90 ދުވަހުން އިތުރުކޮށްދިނުމަށްކަމަށާއި ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އެ ފިޔަވަޅު އެޅިގެންދާނެކަން ނުވަތަ ނުދާނެކަން އަންގަވާނެކަމަށް ހިއްސާކުރެއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

