މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ ދަށްވެފައިވާ ކަމަށާއި މިވަގުތު ވައިގެ ކޮލިޓީ އިންޑެކްސްއަށް ބަލާއިރު 137 ގައި ކަމަށް އެންވަރޮންމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަރޮންމެންޓް މިނިސްޓްރީން ސަންގަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ވަގުތު ވައިގެ ކޮލިޓީ އެންމެ ދަށްވެފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެ ސަރަަހައްދުގައި ވައިގެ ކޮލިޓީ ހުރީ 137 ގައި ކަމަށް ވިދާޅުވިއެވެ. އެއީ ސިއްހަތަށް ރައްކާތެރި ނޫން މިންވަރެކެވެ.
ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ:
- ށ. ފުނަދޫ – 76
- ފުވައްމުލަކު ސިޓީ – 50
- މާލެ -137
- ލ . ގަން – 82
އެޗްޕީއޭއިން މާލެ ސަރަހައްދުގެ ވައި ނުސާފުވުމާއި ގުޅިގެން އެކަމަށް ސަމާލުވާންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން ސަމާލުވާންވީ ކަންކަންމުގެ ތެރޭގައި:
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
- ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުން
- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
- ތުއްތު ކުދިން ބޭރަށް ނުނެރުން
- ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުން
ރާއްޖޭގެ ޖައްވުގެ ވައި މި ފަހަކަށް އައިސް ނުސާފުވާ މައްސަލަ ވަރަށް ބޮޑަށް ވަނީ ފާހަގަކުރެވިފައެވެ.

