ޑިވެލޮޕްމެންޓު ބެންކުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދުވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ މުހިންމު އެއް އިގްތިސާދީ ދާއިރާގެ މަސައްކަތްކަމަށްވާ ޑިވެލޮޕްމެންޓް ބެންކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން އެ މަސައްކަތްތައް ފެށުމަށްޓަކައި ތިން ފިޔަވައްސެއް ކަނޑައެޅިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއީ އަސާސީ އޮނިގަނޑެއް އެކުލަވާލުންކަމަށާއި އެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.
ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓު ބެންކުގެ ބިޒްނަސް މޮޑެލްއިން އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް އިސްކަން ދޭނެކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ރީޓެއިލް ހިދުމަތްތައްވެސް އޭގެ ތެރެއަށް ތައާރަފްކުރެވިގެންދާނެކަމަށާއި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދަނީ ދިވެހިރާއްޖޭގެ އިގްތިސާދު ހަމައަކަށް އަޅުވައި ވަރުގަދަކުރުމުގެ ވިސްނުމާއި ގުޅުވައިގެންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ހަމައެކަނި ޑިވެލޮޕްމެންޓު ބެންކު ނޫންކަމަށާއި އިގްތިސާދުގެ އެހެނިހެން މަސައްކަތްތައްވެސް މިހާރު ހަމައަކަށް އެޅެމުންދާކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ދިމާވެގެން އައި މައްސަލަތަކުން އަރައިގަނެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާ މެނޭޖުކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތިކަމަށެވެ.

