ވ އާރަށު މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައި ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގައިި ކުރިއަށްދާ މައްސަލަވެސް އޮތީ މަޑުޖައްސާލާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުންނެވެ.
އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެއެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.
އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި އެންގުމެވެ.
މި މައްސަލައިގައި އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވާ ހެކިތަކަކީ މި މައްސަލައިގައި ދިފާއީ ހެކިން ދިން ހެކިބަހުގައި ހުރި ވާހަކަތައް ނަފީކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އައު ހެކިތަކެކެވެ. އެއީ ދިފާއީ ހެކިވެރިންގެ ”ކްރެޑިބިލިޓީ“ އާ ގުޅޭ ހެކިތަކެކެވެ.
ދައުލަތުން ވަނީ ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގޭކަމަށް ބަޔާންކޮށްފައެވެ.
އެ ހެކިތަކަކީ ދިފާއީ ހެކިންގެ މައުލޫމާތުތައް ތަހުގީގު މަރުޙަލާގައި ހުށައަޅާފައިނުވާތީ ދައުލަތުން ހުށައެޅި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު ދަށު ކޯޓުގެ އަޑުއެހުމުގައިވެސް ވިދާޅުވިއެވެ. އަދި އެއީ ދިފާއީ ހެކިންގެ ”ކްރެޑިބިލިޓީ“ އާ ގުޅޭ ހެކިތަކެއްކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ހެކިތައް އެއްފަރާތް ކުރުމުން ދިމާވާ ނާއިންސާފުގެ މިސާލުތަކަށްވެސް ދައުލަތުގެ ވަކީލު ވަނީ އަލިއަޅުވާލައްވާފައެވެ.
ދައުލަތަށްވެސް އިންސާފު ލިބެންޖެހޭ، ޚަސްމުންގެ މެދުގައިވެސް ހަމަހަމަކަން އޮންނަންޖެހޭ، ޝަރީއަތުން ކުރާ ޙުކުމަކީ އިންސާފަށް ދާން ވާސިލުވާން އޮންނަ ދޮރެއް ބަންދުވާ ގޮތަށް އޮންނަ ޙުކުމަކަށް ވެގެން ނުވާނެ
ދައުލަތުން ބުނާ ގޮތުގައި އެއީ ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތު ކުރުމާއި، ބައެއް ދިފާއީ ހެކިންގެ ހެކިބަސް ނަފީވެސް ކުރެވޭނެ ހެކިތަކެއް ހިމެނޭގޮތުން ދައުލަތުން ހުށައަޅާފައިވާ މުހިއްމު ލިއުންތަކެކެވެ. މިސާލެއްގެ ގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ.
ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނެއެވެ.
އޭގެ އިތުރުން، މައްސަލައެއް ކުރިއަށް ދަނިކޮށް އައު ހެކިތަކެއް ހުށަހެޅުމަކީވެސް ޤާނޫނު ނުދަންނަ ކަމެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ދައުލަތުން އައު ހެކިތައް ހުށަހަޅަން ޖެހުނީވެސް ދިފާއީ ހެކިން ހެކިބަސް ދިން އިރު ދޮގު ހަދާފައިވާތީކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ 1 މިލިއަން ޑޮލަރާ ގުޅޭގޮތުން ރައީސް ޔާމީނާއި ޔޫސުފް ނައީމާ ތަހުގީގުގައި ސުވާލު ކުރުމުން ހަނު ހުންނަވައި، ފަހުން ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ ޝަރީއަތުގައި ހެކިތައް ހުށަހެޅުމުން ޝައްކުތަކެއް އުފެދިފައިވާކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކިވެރިން ދިން ހެކިބަސްތަކުގައިވެސް ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް އެބަހުރި ކަމަށެވެ. ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހޭ ޙާލަތު އައީވެސް އެ ސަބަބާހުރެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކިތަކާ ގުޅޭގޮތުން ވާހަކަ ދައްކައި، އެ ހެކިންނާމެދު ބަހުސްކޮށް ތައުނު ކުރުމުގެ ފުރުސަތު ރައީސް ޔާމީނާއި ޔޫސުފް ނައމަށް ދެއްވައިގެން ދައުލަތުގެ އައު ހެކިތައް ބަލައިގަތުމާމެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ފުރުސަތު ދިނުމަށް ދައުލަތުން އެދޭ ކަމަށެވެ. އެ ޙާލަތުގައި ދެފަރާތުގެ ޙައްޤަށްވެސް އުނިކަން ނާންނާނެ ކަމަށާއި، ނަމަވެސް ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކޮށްފިނަމަ ދައުލަތުގެ ޙައްޤަށް އުނިކަން އަންނާނެކަމަށް ވަކީލު ވިދާޅުވިއެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައިގަނޑު ނުކުތާތަކަކީ އެއީއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ.

