އުމުރާއަށް މީހުން ގެންދިއުމުގައި މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މިއީ 2024 ވަނަ އަހަރު އުމުރާއަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑުން މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މި މައްސަލައިގައި 27 ފަރާތެއްގެ އަތުން 500,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ނަގައި، މަކަރާއި ހީލަތް ހަދައި ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މީގެއިތުރުން، މި މައްސަލައިގައި ދަޢުވާކުރުމަށް 2025 ޖަނަވަރީ 19 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ. މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދިފައި ވަނީ އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ކ. މާލެ / މ. ހަވީރީފިނި ޢަލީ ފާރިޝްގެ މައްޗަށެވެ.
މީގެ އިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި، ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި، ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުވާކޮށްދިނުމަށް އެދިފައިވާކަމަށް ފުލުހުން މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވެއެވެ.
މި މައްސަލައިގައި ދަޢުވާކުރުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ”ސަންގު“ އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ގުޅުމުން، އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ މި މައްސަލައިގައި ދަޢުވާކުރުމަށް މައްސަލަ އެ އޮފީހަށް ބަލައިގަނެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދަޢުވާކުރުމާމެދު ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި، ދަޢުވާކުރުމާމެދު އަވަސް މުސްތަޤުބަލެއްގައި ގޮތެއް ނިންމަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު، އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އުމުރާއަށް މީހުން ގެންދިއުމުގައި ޢަމަލުކުރަން ގެޒެޓުކޮށްފައިވާ އުސޫލުތަކާއި ކުންފުނިތަކާއެކު މިނިސްޓްރީ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވާނަމަ ނުވަތަ އެއަށް ޢަމަލުނުކުރާ ކުންފުނިތަކަށް ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އުމުރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ 19 ވަނަ މާއްދާއަށް ޢަމަލުކޮށްފައި ނުވާ ކުންފުނިތަކާމެދު ފިޔަވަޅު އަޅާނެކަމަށާއި، އޭގެ ތެރޭގައި ހުއްދަ ބާޠިލުކުރުންވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އުމުރާވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިނިސްޓްރީން ކުރަމުން ގެންދާނެކަމަށެވެ.
އުމުރާއަށް މީހުން ގެންދިއުމުގައި ކުންފުނިތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ގިނަ ޢަދަދަކަށް ފެންމަތިވަމުންދެއެވެ. އޭގެ ތެރޭގައި ފައިސާ ނަގައި، އެންމެ ފަހު ވަގުތު އިންތިޒާމުތައް ހަމަނުޖެހޭކަމަށް އެންގުމާއި އެނބުރި އައުމަށް ޓިކެޓު ނަގާފައި ނެތުން ފަދަ ގިނަ މައްސަލަތައް ހިމެނެއެވެ. ޢާންމުކޮށް މައްސަލައެއް ފެންމަތިވެގެން އަންނައިރު، އެ ކުންފުންޏަކާ ގުޅޭގޮތުން ކުރީ އަހަރުވެސް ޝަކުވާތައް ކޮށްފައި ހުރެއެވެ.
މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަނީ ޚާއްޞަ އުސޫލެއް އެކުލަވާލައި، އުމުރާއަށް ގެންދާ ކުންފުނިތަކުން މިނިސްޓްރީގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ގޮތަށް ބަދަލު ގެނެސްފައެވެ.
މި ގަވާއިދު ބުނާ ގޮތުގައި އެއްވެސް ސިފައެއްގައި އުމުރާގެ އަޅުކަން ހިމެނޭ ގޮތަށް ދަތުރު ރާވައި ފައިސާ ނަގައި އުމުރާގެ ޚިދުމަތް ދޭންވާނީ އުސޫލުގެ ދަށުން ނަގާ ހުއްދައާ އެކުގައެވެ. އެގޮތުން ހުއްދަތައް ދެ އަހަރުގެ މުއްދަތަކަށް ދޫކުރުމުން، ދެން އޭގެ ފަހުން ޖެހޭނީ އަލުން ހުއްދައަށް އެދި ހުށަހަޅަށެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 100,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
މީގެ އިތުރުންވެސް އުސޫލާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ވުޒާރާއާއި އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާ ދެމެދު ސޮއިކުރާ އެއްބަސްވުމާ ކުންފުންޏަކުން ޚިލާފުވެއްޖެނަމަ، އެ މައްސަލައެއްގެ ކުޑަބޮޑުމިނަށް ބަލައި 1,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާކުރެވޭނެއެވެ.

