ހުޅުމާލޭގައި 3،000 ފްލެޓް އިމާރާތްކުރުމުގެ މަޝްރޫޢުއާ ގުޅިގެން، ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނަގައި، ރާއްޖެއިން ބޭރަށް ފިލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ، ވ. ތިނަދޫ / ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލުކުރެވިފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:00 އަށެވެ. ނަމަވެސް، ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލު ބަލިވެ އުޅޭކަމަށް ކޯޓަށް އަންގާފައިވާތީ، އަޑުއެހުން ވަނީ ކެންސަލްކުރެވިފައެވެ. މިކަން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަކީ، ސީލައިފް ކުންފުނި މެދުވެރިކޮށް ފްލެޓު އިމާރާތްކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވިކަމުގެ ދަޢުވާއެވެ. މި މައްސަލައިގައި، ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު، ފްލެޓްތަކުގެ ޙައްޤުވެރި ފަރާތްތަކަށް ދޭންޖެހޭ ފްލެޓް ނުދީވާ ކަމަށް ބުނެ، ގިނަ ދަޢުވާތަކެއް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.
ކުރިން މި މައްސަލަ ބައްލަވަމުން ގެންދެވީ ޤާޟީ ޙަސަން ސަޢީދެވެ. ނަމަވެސް، ޤާޟީ ޙަސަން ސަޢީދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވަނީ ޤާޟީ އާމިނަތު އަޒްލިފާއެވެ.

