އިތުރު 24 ފަޅުރަށަކަށް ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ސިޓީސްއިން ހުޅުވާލައިފިއެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ މަސައްކަތާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސިޔާސަތުގެ ދަށުން މިހާތަނަށް 28 ފަޅުރަށެއް ދޫކުރުމަށް ވަނީ އިޢުލާނުކޮށްފައެވެ.
މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް 24 ފަޅުރަށަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 4 ފަޅުރަށެއް ކައުންސިލްތަކާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ. މި ހަތަރު ރަށް ހޯދުމަށް ހުށަހެޅި ކައުންސިލްތަކަށް މާދަމާ އެ ރަށްތައް ޙަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ތިން ކައުންސިލުންނެވެ. އެއީ:
1. ރ. އިނގުރައިދޫ ކައުންސިލް
2. ދ. އަތޮޅު ކައުންސިލް
3. ލ. މާވަށު ކައުންސިލް
މި ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވާ ރަށްތަކަކީ:
– ރ. ނެޔޮ
– ދ. މަނިމަސްގިލި
– ދ. ފެންފުށި
– ލ. ބޮޑުމާބުޅެލި
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ބާރުއެޅުމުގެ ގޮތުން އަޅާ މުހިންމު ފިޔަވަޅެކެވެ.
މި މަސައްކަތްތަކަކީ ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކެކެވެ. މި އުސޫލުގެ ދަށުން، ވިޔަފާރީގެ ގިނަ ބޭނުންތަކަށް ރަށްތައް ބޭނުންކުރެވޭ ގޮތަށް ކައުންސިލުތަކަށް ދޫކުރެވެއެވެ. މީގެ ކުރިން ކައުންސިލުތަކަށް ރަށްތައް ދެމުން އައިސްފައިވަނީ އެތަންތަން ބަލަހައްޓާ އުސޫލުގެ ދަށުންނެވެ.

