މޯލްޑިވިއަންގެ އައު ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާގެ ތިންވަނަ މަންޒިލަށް ދަތުރުތައް ފަށައިފިއެވެެ.
މޯލްޑިވިއަންގެ އައު ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާގެ ތިންވަނަ މަންޒިލަށް ދަތުރުތައް ފެށުމާއެކު، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޝަންހާއީ ޕުޑޮންގ އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދު ކުރެވޭ މި ދަތުރުތަކަކީ، މި މަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށާއި 24 ވަނަ ދުވަހު ބެއިޖިންގއަށް ފެށުނު ދަތުރުތަކާއެކު، ޗައިނާގެ ތިން މަންޒިލަކަށް މޯލްޑިވިއަންއިން ފަށާފައިވާ ދަތުރުތަކެވެ.
ޝަންހާއީއަށް ކުރެވުނު ފުރަތަމަ ދަތުރުގައި ދިވެހިންނާއި ބޭރުގެ ފަތުރުވެރިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މި ދަތުރުތަކުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބެމުންދާކަން ވެސް ފާހަގަކުރެވެއެވެ.
މީގެ އިތުރުން، މި ދަތުރުތަކުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ކާގޯ އުފުލުމުގެ ފުރުސަތު އިތުރަށް ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައިގެންދާނެ ކަމެއްކަމުގައި ބެލެވެއެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު މޯލްޑިވިއަންގެ ޚިދުމަތަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާއިރު، މި ވަޢުދުފުޅު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސް، ޔޫރަޕަށް ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިނުން ތައްޔާރުވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
މި އައު ޚިދުމަތުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ދިވެހި އިޤްތިޞާދަށް ވެސް ފާހަގަކޮށްލެވޭ ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން އުންމީދުކުރާކަން ފާހަގަކުރެވެއެވެ.

