ހ. ހަންޑްރެޑް ފްލާވަރސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކުރި ހަތަރު މީހުންނަކީ ނަސީބު ސައީދު، ވީނަސްވިލާ، ސ. ފޭދޫ، އިސްމާއިލް އަނީގު، ވ. ސިނަމާލެ، އަލީ އިރުފާން، ޖަމްނާ، ފުވައްމުލަކު އަދި މުހައްމަދު ހުމައިދު، ފިޔަޖަހާގެ، ގއ. ވިލިނގިލިއެވެ.
އޭގެ ތެރެއިން ހުމައިދު ފިޔަވައި ދެން ތިބި 3 މީހުންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.
ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގައި އިސްތިއުނާފު ނުކޮށް ދޫކޮށްލި ހުމައިދުއަކީ ދައުލަތުން ކުރި ދައުވާތަކުގެ ތެރެއިން އެންމެ ބޮޑު ތުހުމަތެއް އަމާޒުވާ ފަރާތަށްވާއިރު، އޭނާގެ ބައި އިސްތިއުނާފު ކޮށްފައިނުވަނީ ކީއްވެތޯ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.
އޭގެ ޖަވާބުގައިި ދައުލަތުން ބުނެފައިވަނީ ހުމައިދަށް ދައުވާކުރެވުނީ ވެސް މާ ފަހުން ކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅި އެއްވެސް ހެއްކަކު ޝަރީއަތަށް ހެކިބަސްވެސް ދީފައިނުވާ ކަމަށެވެ. އެހެންވެ އޭނާއާ ދެކޮޅަށް އިސްތިއުނާފު ކޮށްގެން ދައުލަތަށް ހުށަހެޅޭނެ އެއްޗެއްވެސް ނެތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
އެކަމާ ގުޅިގެންވެސް ފަނޑިޔާރުން ގިނަ ސުވާލުތަކެއް ކުރެއްވިއެވެ. އެގޮތުން މައްސަލަތަކުގައި ތުހުމަތުވާ މީހުން ބަޔާން ނުދީ ރާއްޖެއިން ދާ ޙާލަތުގައި އެމީހުންގެ މައްޗަށް ތަހުގީގުުކޮށް ދައުވާ ކުރެވޭނެ ގޮތެއް ނޯންނަނީތޯވެސް ފަނޑިޔާރުން ތަކުރާރުކޮށް އެއްސެވިއެވެ.
ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. އޭނާއަށް ހަމަލާދިނީ ދަރުބާރުގެ ކައިރީގައި ހުންނަ އޭނާގެ ގެ, ހ. ހަންޑްރެޑްފްލާވަރސް ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ދައުލަތުން ހުށައެޅި ހެކިވެރިން ބުނާ ގޮތުގައި ޖައިލަމް އޭޑީކޭއަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތެވެ. އޭނާގެ ފުއްޕާމެއާއި، ބޮޑެތި ލޭނާރުތަކަަށް އަނިޔާވެފައިވެއެވެ. ތޫނު އެއްޗަކުން ހަމަލާދީ ގިނަ ޒަޚަމްތަކެއް ދީފައިވާތީ، ޝޮކެއް ޖެހި މީހާ މަރުވާ ވަރަށް ހަށިގަނޑުން ލޭ ބޭރުވެފައި ހުއްޓެވެ. ހެކިތަކުން ދައްކާ ގޮތުގައި ޖައިލަމް މަރުވީ ”ހައިޕޯވޮލެމިކް ޝޮކް“އެއް ޖެހިގެންނެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 10 މާރޗު 2022ގައެވެ.
މި މައްސަލައިގައި ދައުލަތުން 8 ސިއްރު ހެކިވެރިއަކު ހުށައެޅި ނަމަވެސް އޭގެ ތެރެއިން 5 ހެކިވެރިއަކު ހާޒިރުވެފައެއް ނުވެއެވެ.
އެކި ފަހަރު އެމީހުން ހާޒިރު ކުރުމަށް މަސައްކަތްވެސް ކުރެވުނެވެ. ވުމާއެކު، އެމީހުން ތަހުގީގަށް ދީފައިވާ ބަޔާނަށްވެސް ޝަރީއަތުން ރިއާޔަތް ކޮށްފައެއް ނުވެއެވެ.
ހާޒިރުވި 3 ހެކިންގެ ތެރެއިންވެސް 2 މީހުން ބުނެފައިވަނީ ހާދިސާ ހިނގި މަންޒަރު ނުފެންނަކަމާއި، ދައުވާލިބޭ ފަރާތްތައް އައިޑެންޓިފައި ކުރަން ނޭނގޭކަމަށެވެ.
ދެން ހުރި ހެކިވެރިޔާވެސް ފަހުން ވަނީ އެއީ އޭނާ މަސްތުގެ ހާލަތުގައި ހުރެ ދިން ހެކިބަހެއްކަމަށް ބުނެ ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެކަން އިތުރަށް ކަށަވަރުކުރުމަށް އެ ހެކިވެރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އޭނާ ހާޒިރުވެފައެއްވެސް ނުވެއެވެ.

