45 ދުވަހުގެ ތެރޭގައި ”ދަ ގާޑަންސް“ ޕްރޮޖެކްޓްގެ ބާކީ ހުރި މަސައްކަތްތައް ނުނިންމައިފިނަމަ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއިއެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ނިންމައިފިއެވެ.
އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، 2017 ވަނަ އަހަރު ފެށުނު ”ދަ ގާޑަންސް“ ޕްރޮޖެކްޓް ނިންމުމަށްޓަކައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައިވެއެވެ. ނަމަވެސް، މިހާތަނަށް ވެސް އެ ޕްރޮޖެކްޓް ނިމިފައިނުވާކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން، އެޗްޑީސީގެ ބޯޑުން ވަނީ ޤާނޫނީ ނޯޓިސްއެއް ދިނުމަށް ނިންމައި، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެ ނޯޓިސް ފޮނުވާފައެވެ. މި ނޯޓިސްގައި ބަޔާންކޮށްފައިވާ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމައިފިނަމަ، އެއްބަސްވުން ބާޠިލުކޮށް ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓުގެ އަތުން ނެގުމަށް ވެސް ވަނީ ނިންމާފައެވެ.
އެޗްޑީސީން މި ފިޔަވަޅު އަޅާފައިވަނީ، އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ޙަވާލުކުރެވޭނެ މަގު ތަނަވަސްކުރުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓާ ޙަވާލުކުރެވުނީ 2017 ވަނަ އަހަރުއެވެ. އޭރު ދެ އަހަރުގެ މުއްދަތެއްގައި ނިންމުމަށް ހަވާލުކުރެވުނު ނަމަވެސް، މިހާރު ވަނީ 7 އަހަރު ފާއިތުވެފައެވެ.
މި މައްސަލައިގައި ހިމެނޭ ފަރާތްތައް ތަމްސީލުކުރާ ޤާނޫނީ ވަކީލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި، އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ވެފައިވާ އިހުމާލުތަކުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ފްލެޓްތައް ވިއްކުމަށް ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާއިރު، އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް މަޝްރޫޢު ކުރިއަށްދޭތޯ ބެލުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އެޗްޑީސީން ވަނީ އެ ފްލެޓުތަކުގެ 10 ވަނަ ފަންގިފިލާއިން ތިރީގެ ހުރިހާ ފަންގިފިލާތަކުގެ ފިނިޝިންގ މަސައްކަތް ފަށާފައިވާ ކަމަށް މަޢުލޫމާތު ދީފައެވެ. މީގެ ތެރޭގައި ޕްލާސްޓަރިންގ، ޕުޓީގެ މަސައްކަތް، މުށި އަދި ސީލިންގުގެ މަސައްކަތްތައް ހިމެނެއެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެއެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އޭރުގެ އާބަން ކޯއަށް ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ ނޯޓިސްއެއް ވެސް ދީފައިވެއެވެ. ނަމަވެސް، މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

