ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޒާހާގެ ހަޔާތުގައި އޮތީ އިހުމާލުގެ ހާއްޔެއް؛ އިދާރާ ތަކާއި މައިން އަދާކުރަންޖެހޭ ޒިންމާގެ ވާހަކަ!

އިންގިރޭސި ކަރުދާހުގައި ބައިވެރި ވުމަށްޓަކައި އިމްތިހާނުގެ މަރުކަޒަށް ދިޔަ މަގުމަތީގައި ޝާހިދު ނަޒާހާގެ ބޮލަށް އަނިޔާ ދިނުމުން ބަދަލުގައި ދާން ޖެހުނީ ހޮސްޕިޓަލަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެންމެ ގިނައިން ބެލެވޭ މައްސަލަތަކުގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތައް ހިމެނެއެވެ. މިފަދަ ކޮންމެ މައްސަލައެއްގެ އަސްލާއި އޭގެ ފަހަތުގައިވާ ތާރީޚަށް ބަލައި، މުޖުތަމަޢުގެ ތެރޭގައި އެ މަޢުލޫމާތު ހިއްސާކޮށް، އެއިން ފިލާވަޅު ދަސްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ މައްސަލައަކީ މިފަދަ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލައެވެ. 2011 ވަނަ އަހަރު ޖިނާއީ ކޯޓުން ނަޒާހާގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމެއް ކުރިއެވެ. މިއީ 2010 ވަނަ އަހަރުގެ ޖޫން މަހު އޭނާގެ ކުރީގެ ފިރިމީހާ، މއ. އެދުރުގޭ ޙަސަން ޝާހިދު މަރާލި މައްސަލައިގައެވެ. ނަމަވެސް، މި ރިޕޯޓުގައި އެ މައްސަލައިގެ ތަފްސީލުތަކަށް ނުދާނަމެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ ނަޒާހާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ދަމަހައްޓާފައެވެ. މިގޮތަށް ނިންމުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
1. ޝަރުޢީ ނިޒާމުގެ ތެރެއިން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅަންޖެހޭ މިންވަރަށް ހެކި ހުށަހެޅިފައި ނެތުން.
2. ނަޒާހާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ޝަރީޢަތުގެ މަޖިލީހުގައި ސާބިތުކޮށްދެވިފައި ނުވުން.

ނަޒާހާގެ ކުޑައިރުގެ ހަޔާތް:

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުނު ހުކުމް އިއްވުމުގެ މަޖިލީހުގައި، ފަނޑިޔާރުން މަރިޔަމް ނަޒާހާގެ ހަޔާތާ ގުޅޭ ގިނަ ކަންތައްތަކެއް ފާހަގަކުރެއްވިއެވެ. މަރިޔަމް ނަޒާހާއަކީ މ. އޯގަމް (ހ. ބައިކަނޑިގެ) އިބްރާހީމް އަހްމަދާއި ގ. މިޑްލައިން އައިޝަތު ހަބީބާގެ 7 ދަރިންގެ ތެރެއިން 5 ވަނަ ދަރިފުޅެވެ. އިބްރާހީމް އަހްމަދާއި އައިޝަތު ހަބީބާ ވަރިވުމުގެ ކުރިން، މި ދެމަފިރިންނާއި އެ ދެމަފިރިންގެ 7 ދަރިން ދިރިއުޅެފައިވަނީ ހ. ބައިކަނޑިގޭގައި އިބްރާހީމް އަހްމަދަށް ލިބިފައިވާ 10 ފޫޓުގެ ކޮޓަރިއެއްގައެވެ.

2003 ވަނަ އަހަރު ނަޒާހާގެ މަންމަ އައިޝަތު ހަބީބާ، ހއ. ހޯރަފުށީ ރަތްބަގީޗާގެ އަހްމަދު ޝިބާނާ ކައިވެނިކުރެއްވުމަށްފަހު، 2004 ވަނަ އަހަރު މ. މިޑްލައިން ގެއަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. މި ބަދަލާ ގުޅިގެން، އިބްރާހީމް އަހްމަދާއި އައިޝަތު ހަބީބާގެ 7 ދަރިންގެ ތެރެއިން އެންމެ ހަގު 2 ކުދިން ބަލަހައްޓަވަނީ ނަޒާހާގެ މަންމަ ހަބީބާއެވެ. އަދި ނަޒާހާއާއެކު ބާކީ ތިބި ކުދިން ބަލަހައްޓަވަނީ ނަޒާހާގެ ބައްޕަ އިބްރާހީމް އަހްމަދެވެ.

ނަޒާހާގެ ބައްޕަ އިބްރާހީމް އަހްމަދަކީ އާންމު ގޮތެއްގައި ދަރިންނާ މުޢާމަލާތްކުރުމަށް އިސްކަންދެއްވާ ބޭފުޅެއް ނޫނެވެ. އެންމެ ހަގު ދެ ކުދިންނަށް މަންމަ ހަބީބާގެ އަޅާލުން ލިބުނު ނަމަވެސް، އެހެން ކުދިންނަށް މަންމަގެ އަޅާލުމެއް ނުލިބެއެވެ.

މަރިޔަމް ނަޒާހާއަކީ މ. އޯގަމް (ހ. ބައިކަނޑިގެ) އިބްރާހިީމް އަހްމަދު އާއި ގ. މިޑްލައިން އައިޝަތު ހަބީބާއާ ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ 7 ކުދިންގެ ތެރެއިން 5 ވަނަ ދަރިފުޅު

ނަޒާހާ ކުޑަކުއްޖެ ގޮތުގައި ހުރެ އެތައް ކަމަކުން މަހްރޫމުވި

2005 ވަނަ އަހަރު އޭރުގެ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޔުނިޓަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް އަހްމަދާއި އާއިޝަތު ހަބީބާ ވަރިވުމަށްފަހު، އެންމެ ދޮށީ ކުއްޖާ މީހަކާ އިނދެގެން ދިރިއުޅެމުން ދިޔައީ އެހެން ގެއެއްގައެވެ. ދެންތިބި 6 ކުދިން ދިރިއުޅެމުން ދިޔައީ ހ. ބައިކަނޑިގޭގައި މަންމައާއި ބައްޕަގެ އެއްވެސް އެހީތެރިކަމެއްނެތި އެ ބުނާ ކުޑަ 10 ފޫޓުގެ ކޮޓަރީގައެވެ.

ނަޒާހާއަކީ މި 6 ކުދިންގެ ތެރެއިން އެންމެ ދޮށީ (އޭރު އުމުރުން 16 އަހަރު) އަންހެން ކުއްޖާ ކަމަށްވެފައި ހަގަށްތިބޭ ހުރިހާ ކުދިންގެ ކަންތައްތައް ކުރަނީ އޭރު ނަޒާހާއެވެ. ނަޒާހާ އޭރުވެސް ހުރީ، ކުޑަ ކުއްޖަކަށް ލިބެން ޖެހޭ އެތައް އުފަލަކުން މަހުރޫމުވެ ވަރަށް ކުޑައިރުން ފެށިގެން އުމުރާއި ނުބައްދަލު އެެތައް ތަކުލީފަކާއި ބުރައެއް އުފުލަން ޖެހިފައެވެ. ނަޒާހާގެ ހަގަށް ތިބި ހުރިހާ ކުދިންގެ މަންމައަކަށް އޭނާ ވާން ޖެހުނީ ނަޒާހާގެ އުމުރުން އެންމެ 16 އަހަރުގައެވެ.

ނަޒާހާއާއި ޝާހިދުގެ ގުޅުން ފެށުނު ގޮތާއި، އަނިޔާގެ ބޮޅުފަތީގައި ނަޒާހާ ޖެހުނުގޮތް

ނަޒާހާ ރަށްޓެހި ވެގެންއުޅުނު ހަސަން ޝާހިދު އެގޭ ކުދިންނަށް އެހީތެރިވެ ހަރަދުތައް ކުރާ ކަމަށާއި ބައެއް ރޭރޭ އެކުދިންނާއި އެކުވެސް އެއް ކޮޓަރީގައި ނިދާކަމަށް ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޔުނިޓަށް މައުލޫމާތު ލިބިފައިވާ ކަމަށ ބުނެފައެވެ. ޝާހިދު އަކީ ނަޒާހާގެ ބައްޕަގެ ރައްޓެއްސެއް ކަމަށާއި ކުދިންގެ ކަންތައްތައް ބެލުމަށް ޝާހިދުއާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި ކުދިންތައް ދިރިއުޅެމުން ދިޔައީ ވަރށް ދަތި ހާލަތުގައި އާއިލާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބިއެވެ.

ކުދިން ދިރިއުޅެމުން ދިޔައީ އެކުދިނަށް އެންމެ އެކަށީގެންވާ ގޮތަކަށް ދިރިއުޅެވޭ ގޮތަށް ހުރި ތަންކޮޅެއްގައެއް ނޫނެވެ. ނަޒާހާ އަމީނިއްޔާ ސްކޫލުގައި ގްރޭޑް 9ގައި ކިޔަވަމުން ދަނިކޮށް 2005 ވަނަ އަހަރު ބައްދަލުވެ 2006 ވަނަ އަހަރުގެތެރޭގައި ހަސަން ޝާހިދުއާއި ކައިވެނިކޮށް ނަޒާހާ މއ. އެދުރުގެއަށް ބަދަލުވިއެވެ. އަދި އެ ދެމީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބުނެވެ. ޝާހިދުގެ މަރުގެ ހާދިސާ ހިނގިއިރު އެއް ކުއްޖާގެ އުމުރަކީ 2 އަހަރާއި 2 މަސްދުވަހެވެ.

ދެމީހުންގެ ކައިވެންޏަށް 2 އަހަރެއްހާ ދުވަސް ފަހުން އެމީހުންގެ ކައިވެނި ރޫޅުމުން ނަޒާހާ އަލުން ހ. ބައިކަނޑިގެއަށް ބަދަލުވިއެވެ. އެގެއަށް ބަދަލުވާން ޖެހުނީ ޝާހިދުގެ އަނިޔާތަކަށް ކެތް ނުވެގެން ކަމަށް އޭނާގެ ދައްތަ ގާތު ނަޒާހާ ވަނީ ބުނެފައެވެ. އެގޮތުން ނަޒާހާ މއ. އެދުރުގޭގައި އުޅުނުއިރު ނަޒާހާ ވިހައިގެން ގާތުންދޭން އިންދާ ޝާހިދު ރުޅި އައިސްގެން ނަޒާހާ ކޮށްޕާލުމުން އޭނާ އެވަގުތު ހިފައިގެންއިން ހޫނު ފެންތަށި ނަޒާހާއާއި ދަރިފުޅުގެ ގަޔަށް ބަންޑުންވެ ދެމީހުންގެ ގަޔަށް ހޫނުފެން އެޅުނުކަމަށް ނަޒާހާ ވަނީ ބުނެފައެވެ.

ޝާހިދުއާއި ނަޒާހާގެ މި ގުޅުމުގެ ތެރޭގައި ވަރަށް ގިނައިން ޒުވާބުކޮށް މާރާމާރީ ހިންގާ ގަޔަށް އަތްލާ ކަމަށާއި، ގިނަ ފަހަރަށް ނަޒާހާގެ ގައިގައި ނޫފައިގެންފައި ހުރި ތަންތަނުގައި ބޭސްއަޅަން އޭނާގެ ދައްތަ ބޭސް ގަނެދޭ ކަމަށް ވަނީ ބުނެފައެވެ.

2008 ވަނަ އަހަރުގައި ނަޒާހާ ބަލިވެއިންދާ ޝާހިދު ނަޒާހާގެ ކަރުގައި ހިފާފައި ޖޯލި މައްޗަށް ވައްޓާލާފައިވާ ކަމަށާއި، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ޖީސީއީ އޯ ލެވެލް އިންގިރޭސި ކަރުދާހުގައި ބައިވެރި ވުމަށްޓަކައި އިމްތިހާނުގެ މަރުކަޒަށް ދިޔަ މަގުމަތީގައި ޝާހިދު ނަޒާހާގެ ބޮލަށް އަނިޔާ ދިނުމުން ބަދަލުގައި ދާން ޖެހުނީ ހޮސްޕިޓަލަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިހުރިހާ ސަބަބުތަކަށްޓަކައި 2009 ވަނަ އަހަރު ފުލުހުން ޝާހިދު ހ. ބައިކަނޑިގެއަށް ވަނުން މަނާކުރީ ކަމަށައި، ނަޒާހާ ވަޒީފާ އަދާކުރި ތަން ކަމަށްވާ ”ހީޓް“އަށް ވަދެ ނަޒާހާގެ ކަރުގައި ހިފާފައި ފާރާލާ ޖެހުމަށް ފަހު ކަރުން ދޫ ނުކޮށް ރިސެޕްޝަން ކައުންޓަރު މައްޗަށް ޖަހައިފައިވާ ކަަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޝާހިދުއާއި ނަޒާހާގެ މި ގުޅުމުގެ ތެރޭގައި ވަރަށް ގިނައިން ޒުވާބުކޮށް މާރާމާރީ ހިންގާ ގަޔަށް އަތްލާ ކަމަށާއި، ގިނަ ފަހަރަށް ނަޒާހާގެ ގައިގައި ނޫފައިގެންފައި ހުރި ތަންތަނުގައި ބޭސްއަޅަން އޭނާގެ ދައްތަ ބޭސް ގަނެދޭ

”އަނިޔާތަކަށް ކެތް ނުކުރެވިގެން ޝާހިދު ބުރަކަށްޓައް ވަޅި ޖެހުނީ“

22 ޖޫން 2010 ވަނަ ދުވަހު މެންދުރު ސައިބޮއިގެން ހަމަޖެހުނުތަނާ ޝާހިދު އެގެއަށް ދިޔަ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އޭނާ އެދުވަހު ނަޒާހާއަށް ގުޅާ ގުޅާ ނަޒާހާ ފޯނު ނުނެގުމުން އޭނާ އަނިޔާކުރަން އަންނާނެ ކަން އެނގޭކަމަށް ނަޒާހާ ބުނެފައިވެއެވެ. އެގޮތަށް ގެއަށް އައިސްފައި އަބަދުވެސް އަނިޔާ ކުރުމަށްޓަކައި ކޮންމެވެސް އެއްޗެއް ހޯދާނެކަމަށް ނަޒާހާ ޝަރީއަތުގައި ވަނީ ބުނެފައެވެ.

އެދުވަހު ޝާހިދު ގެޔަށްވަދެ ކޮޓަރި ދޮރުގައި ޓަކި ދިނުމުން ނަޒާހާ ދޮރު ހުޅުވި އިރު ޝާހިދު އޭނާކުރިމަތީގައި ހުރި ކަމަށާއި، އޭނާ ކޮޓަރިތެރެއަށް ވަނީ ގަދަކަމުން ކަމަށް ނަޒާހާ ވަނީ ބުނެފައެވެ. އަދި ކޮޓަރީގައި ހުރި ޓީވީ ރެކު ބިއްދޮށުން އެއް ހޯދަން ފެށި ކަަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެގަޑީގައި ޝާހިދު ހޯދަމުން ދިޔައީ ނަޒާހާ ގައިގައި ތަޅާ މާރާމާރީ ހިންގާނެ އެއްޗެއްކަމަށް ތަހުގީގުގައިވެސް އަދި ދަށު ކޯޓުގައިވެސް ނަޒާހާ ބުނެފައިވެއެވެ. އަދި ނަޒާހާއަށް އެދުވެސް ޝާހިދު ހޯދީ އޭނާއަށް އަނިޔާ ކުރާނެ އެއްޗެއްކަން އެނގޭ ގޮތަކީ ޝާހިދުގެ އަމަލުތައް އަބަދުވެސް އެހެން ހުންނާތީކަމަށް ނަޒާހާ ވަނީ ބުނެފައެވެ. ނަޒާހާ ޝާހިދުގެ ބުރަކަށްޓަށް ވަޅި ހެރީ ޝާހިދު ޓީވީ ބޮތްދޮށް ބަލަން ގުދަށް އޮތް ވަގުތު ތިލައިގައި ގާތްގަނޑަކަށް 5 އިންޗި ހުރި ވަޅިއަކުން ޝާހިދުގެ ބުރަކަށީގެ ކަނާއަރުފަރާތު އަރިކަށްޓާއި ދިމާލަށެވެ. އަދި ޝަރީއަތުގެ އެކި މަރުހަލާ ތަކުގައާއި އަދި ދަށު ކޯޓުގައިވެސް ނަޒާހާ ބުނެފައިވަނީ އޭނާ ޝާހިދު ގަޔަށް ވަޅި ޖަހާފައިވަނީ ޝާހިދު އޭނާއަށް އަނިޔާކޮށްފާނެ ކަމަށްބަލައި އޭގެ ކުރިން ޝާހިދުއަށް ހަމަލާއެއް ދިނުމުގެ ގޮތުން ކަމަށެވެ.

ޝަރީއަތުގެ އެކި މަރުހަލާ ތަކުގައާއި އަދި ދަށު ކޯޓުގައިވެސް ނަޒާހާ ބުނެފައިވަނީ އޭނާ ޝާހިދު ގަޔަށް ވަޅި ޖަހާފައިވަނީ ޝާހިދު އޭނާއަށް އަނިޔާކޮށްފާނެ ކަމަށްބަލައި އޭގެ ކުރިން ޝާހިދުއަށް ހަމަލާއެއް ދިނުމުގެ ގޮތުން ކަމަށް

ނޫސްވެރިޔާގެ ހިޔާލު:

މި މައްސަލައިގެ މުޅި ތަސްވީރަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިހުމާލުގެ ވެށްޓެއްގައި ހެދިބޮޑުވި ދަރިއެއްގެ ހަޔާތުގެ ހިތާމަވެރި ވާހަކައެވެ. ނަޒާހާގެ ރައްކާތެރިކަމަށް އިހުމާލުވެފައިވަނީ ހަމައެކަނި އޭނާގެ މައިންބަފައިން ނޫނެވެ. އެކި ފަހަރުމަތިން އެކި އިދާރާތަކަށް މައްސަލަ ހުށަހެޅި، އެފަދަ ކަންކަން ރިޕޯޓުކުރެވިފައިވީ ނަމަވެސް، ނަޒާހާއަށް އަމާން ވެއްޓެއް ފޯރުކޮށްދެވިފައެއް ނުވެއެވެ.

ނުބައި މަގަކަށް ދިއުމަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ނަމަވެސް، މީހަކާމެދު ދޫކޮށްލެވޭ އިހުމާލާއި އެމީހަކު ދިރިއުޅޭ މާޙައުލުގެ ސަބަބުން ނުރަނގަޅު ކަންކަމަށް މަގުފަހިވެގެންދެއެވެ. ކޮންމެ މައްސަލައެއްގެ ފަހަތުގައިވެސް މިފަދަ އިހުމާލުގެ ވާހަކަތަކެއް އޮވެއެވެ. ޝާހިދުގެ ފުރާނަ ގެއްލި، ނަޒާހާ އުމުރަށް ޖަލަށްލެވުނު މި މައްސަލައިން ވަރަށް މުހިންމު ކަންތައްތަކެއް ދަސްވެގެންދިޔައެވެ.

ކައިވެނީގެ ގުޅުމަކީ މާތްވެގެންވާ ގުޅުމެކެވެ. އެ ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މައިންބަފައިންގެ އިހުމާލުގެ ސަބަބުން އެތައް ފުރާނައެއް ގެއްލިގެންދާން ޖެހިދާނެކަން ހަނދާންކުރަންޖެހެއެވެ. އެހެންނަމަވެސް، އެއްވެސް ކަމެއް އިންސާނެއްގެ ފުރާނައަށްވުރެ މަތިވެރިވެގެން ނުވާކަން ފާހަގަކުރަމެވެ. ހަމަކަށަވަރުން، ނަފްސަކީ މާތްﷲ ޙުރުމަތްތެރިކުރައްވާފައިވާ އެއްޗެކެވެ.

ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

”އަދި ތިޔަބައިމީހުން، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ! އަދި އަނިޔާގެ ގޮތުގައި މަރައިލެވޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލު ކުރުމުގައި އޭނާ އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން އެ ވަލީވެރިޔަކީ، ނަޞްރުލިބިގެންވާ މީހެއް ކަމުގައިވިއެވެ.“

ނޯޓް: ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނަ ނަކަލުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ރަޔުން ބަލައިގެންނެވެ.

ވަރަށް ގަދަ
3%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 89%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: