ދުންފަތާ ދުރުހެލިވުމަށް ހުރިހާ ޒުވާނުން ސަމާލުކަން ދެއްވުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ.
އާދަމް ޝަރީފު ޢުމަރު މި ގޮތަށް އިލްތިމާސް ކުރެއްވީ ހއ. ދިއްދޫ ކައުންސިލާއި، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ކުޅިވަރާއި، ކަސްރަތުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
ޚާއްޞަކޮށް ބޮޑެތި ބަލިތަކުން ދުރުހެލިވުމަށްޓަކައި ކުޅިވަރާއި، ކަސްރަތުކުރުމަކީ ޞިއްޙީ މާހިރުން ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށް މިފަދަ މުބާރާތެއް ދިއްދޫގެ ޒުވާނުންނަށް ބާއްވާތީ އުފާކުރައްވާކަމަށް ވިދާޅުވެ، އެ ދެ ފަރާތަށް، މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
ދުންފަތަށް ގޮސް ހުސްވުމުގެ ސަބަބުން ޒުވާނުން ހަލާކުގެ ތެރެއަށްދާކަމުގެ ކަންބޮޑުވުންތަކާއިއެކު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް އައި އީ ސިގިރޭޓުގެ ބާވަތްތަކާއި ދުންފަތް ހެދުމަށް ބޭނުން ކުރާ އެއްވެސް އެއްޗެއް ބޭނުން ކުރުން މަނާކޮށްފައެވެ. އަދި މިފަދަ އެއްޗެއް ބޭނުން ކުރާކަން ފާހަގަކުރެވިއްޖެނަމަ ފުލުހުންގެ ބެލުމުގެ ދަށަށް އެތަކެތި ނަގާ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

