ކޮންމެ ރަށެއްގެވެސް އާދަކާދަތަކާއި، ސަގާފަތާއި އިތުރު މައުލޫމާތުތައް ފަތުރުވެރިންނަށް އަމާޒުކޮށްގެން ދީގެން އެ ރަށެއް މާކެޓް ކުރެވި، ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސަޢީދު ވިދާޅުވެއްޖެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ”ރަށު އެކްސްޕޯ“ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
މި އެކްސްޕޯއަކީ ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.
ރަށްރަށުން ފަތުރުވެރިންނަށް ޕްރޮމޯޓް ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ރަށްތަކުގައި ހުރި ބޮޑެތި ކުޅިތަކާއި، ރަށްރަށުގައި ހުރި އިންވާރްމެންޓަލް އެޓްރެކްޝަންތަކުގެ އިތުރުން ރަށްރަށުގައި ހުރި ތާރީހީ ތަންތަނެވެ. މިކަންކަމުގެ ހަގީގީ ވާހަކަތައް ފަތުރުވެރިންނާއި ހަމައަށް ގެނެސްދެވިއްޖެނަމަ އެ ރަށަށް ފަތުރުވެރިންގެ ސަމާލުކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް އަދި ކުދި މެދު ފަންތީގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިތައް އަގު ވަޒަން ކުރަން ރައީސް ބޭނުންވާ މިންވަރު ހާމަވޭ.
މީގެ އިތުރުން މިނިސްޓަރު ވަނީ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ދެވޭނެ ގޮތްތައް އިންތިޒާމް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ވަރަށް ގިނަ ފޮރިން މިޝަން އެމްބަސީތައް އެކި ގައުމުތަކުގައި އެބަހުރިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކާއި ގުޅިގެން ރަށް ޕްރޮމޯޓް ކުރުމާއި ވިޔަފާރިތައް ކުރި އެރުވުމަށް މަސައްކަތް ކުރެވިދާނެށެވެ.
މިނިސްޓަރު ވަނީ އެމަނިކުފާނުގެ ވާހަކައިގައި ޗައިނާއާއި ރާއްޖެއާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރި އެއްބަސްވުމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ.
މި އެއްބަސްވުމުގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މުޅިން އަލަށް ގެސްޓު ހައުސްއެއް އިމާރާތް ކުރާނަމަ، ކޮންސްޓަރަކްޝަން މެޓީރިއަލް ގެންނައިރު، 5 އިންސަތައާއި 10 އިންސަތައާއި ދެމެދުގެ އަދަދަކަށް ނަގާ ޑިއުޓީ ޗާރޖު މި އެއްބަސްވުމުގެ ދަށުން މިހާރު ވަނީ ސުން އިންސައްތައަށް ކުޑަކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

