ޕީއެސްއައިޕީގެ ގޮތުގައި މިއަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެެވެ.
ފިނޭންސް މިނިސްޓްރީންވަނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ހޭދައިގެ ތަފްސީލުތައް އާންމުކޮށްފައެވެ. އެންމެ ފަހުން ނެރިފައިވާ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެ ދުވަހުގެ ނިޔަލަށް ގްރާންޓުތައް ހިމަނައިގެން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމުލަ 3.8 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި މި މުއްދަތުގައި ހަރަދުތައް ހުރިވަރަށް ވުރެ މި އަހަރުގެ ހަރަދުތައް 1.3 ބިލިއަން ރުފިޔާއިން ދަށްކަން ހިސާބުތަކުން ފެނިގެންދެއެވެ. އެގޮތުން ނިމިދިޔަ އަހަރު 3.8 ބިލިއަނާއި ގާތް ކުރާ އަދަދެއް ހަރަދުކުރިއިރު މި އަހަރު ހަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ.
މީގެ ތެރެއިން ރިކަރެނެންޓް ހަރަދަކީ 2.4 ބިލިއަން ރުފިޔާކަމަށްވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 102.5 ރުފިޔާއެވެ. މުސާރައާއި އިނާޔަތްތަކާއި ޕެންޝަން ދިނުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ނިމިދިޔަ އަހަރާއި އަޅާބަލާއިރު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާއިރު އިދާރީ އަދި ހިންގުންތެރިކަމުގެ ބޭނުންތަކަށް ކޮށްފައިވާ ހަރަދުތައް ފާހަގަކުރެވޭ މިންގަނޑަކަށް ދަށްކުރެވިފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި މި މަސައްކަތްތަކަށް ފެބްރުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް 1.89 ބިލިއަން ހަރަދުކޮށްފައިވާއިރު މި އަހަރު ހަރަދުކޮށްފައިވަނީ 1.24 ބިލިއަން ރުފިޔާއެވެ.
ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަސައްކަތްތަކަށް 713.6 މިލިއަން ރުފިޔާ ހަރަދުކުރިއިރު މިއަހަރުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 87.6 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށްވާއިރު އެ ދާއިރާއަށް މި މުއްދަތުގައި 56.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފެނިގެންދެއެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނި ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށެވެ. އެގޮތުން ބަނދަރު ހެދުމާއި ބްރިޖް އެޅުން ފަދަ މަސައްކަތްތަކަށް 27.7 މިލިއަން ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން ފެނިގެންދެއެވެ.

