ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާއިލީ ވަގުތުތަކެއް ހޭދަކުރެއްވުމަށްޓަކައި ސަލްޓަންޕާކު އަދި ރަސްފަންނަށް ޒިޔާރަތްކުރެއްވުމަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ދެތަނުގެ ހާލަތު ފެނި ހިތާމަކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދެތަންވެސް ދަނީ ވީރާނާވަމުންކަމަށާއި އެ ދެ ސަރަހައްދަކީވެސް މާލޭގެ ތޮއްޖެހުމުގެ ތެރެއިން ރައްޔިތުންނަށް ބޮޑެތި ހިތްހަމަޖެހުންތަކާއި އުފާ ލިއްބައިދޭ ތަންތަން ކަމަށެވެ.
އެހެންކަމުން އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވާނެކަމަށާއި ކުރިއަށްވުރެވެސް ފުރިހަމަކޮށްދިނުމަށްޓަކައި މި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި މި ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންގެ މައުލޫމާތަށްޓަކައި އެކަން ދަންނަވާކަމަށް ފާހަގަކުރެއްވިއެވެ.
ރަސްފަންނާއި ސަލްޓަންޕާކު ތަރައްގީކުރުމުގެ މަސައްކަތްތަކުގައިވެސް ރައީސް މުއިއްޒުގެ އިސް ދައުރެއް އޮވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ހައުސިންގް މިނިސްޓަރުކަމުގައި ހުންނެވިއިރު އެތަންތަން ތަރައްގީކުރެވިގެންދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކުރެވެއެވެ.

