ރާއްޖޭގައި ހިލޭ ޑިގްރީ ސްކީމް ތައާރަފްކުރުމަކީ އެންމެ ފަހުރުވެރިވެވަޑައިގަންނަވާ އެއް މަސައްކަތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސާލިހު ވިދާޅުވީ، މިއަދަކީ ހިލޭ ޑިގްރީ ސްކީމް ތައާރަފްކުރިތާ 6 އަހަރު ފުރިގެންދާ ދުވަސްކަމަށެވެ. އަދި އެ ސްކީމަކީ ދަރިވަރުންނަށް ހިލޭ މަތީ ތައުލީމު ލިބިގަތުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ހިލޭ ޑިގްރީގެ ސްކީމަކީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ކުރެއްވި މަސައްކަތްފުޅުތަކުގެ ތެރެއިން އެންމެ ފަހުރުވެރިވެވަޑައިގަންނަވާ އެ މަސައްކަތްކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ، ވެރިކަމުގެ ދައުރު ނިންމާލެއްވިއިރު 18،000 ދަރިވަރުން އެ ސްކީމް މެދުވެރިކޮށް ޑިގްރީ ހާސިލުކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމަށެވެ. އަދި 8500 ކުދިން އެ ސްކީމް މެދުވެރިކޮށް ޑިގްރީ ހާސިލުކޮށް ނިންމާލާފައި ތިބިކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ތައުލީމަކީ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އެންމެ ވަރުގަދަ އެއް ވަސީލަތްކަމަށެވެ. އެގޮތުން އެއީ ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއެރުން ހާސިލުކުރުމަށާއި ގައުމި ބިނާކުރުމުގައި ދައުރެއް އަދާކުރުމަށް ކޮށިގެންދާ މަގެއްކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނު ފައްޓަވައިދެއްވި މި ސްކީމުގެ ކާމިޔާބީން އެކަމަށް ހެކިދޭކަމަށެވެ.

