ބީއެމްއެލްއިން މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ކުލަލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ބެންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ދީފައިވާގޮތުން މި ހަރަކާތަކީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގައި އެހީތެރިކަން ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަސައްކަތްތަކެއްކަމަށޭވެ. އެގޮތުން ބީއެމްއެލް އިސްލާމިކްއިން މާލޭގެ ހަތަރު މިސްކިތެއްގައި ވަށާފާރުގައި ކުލަލުމުުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަން ހިއްސާކޮށްފައިވެއެވެ.
މި ހަރަކާތުގައި ބީއެމްއެލްގެ 100 ވަރަކަށް މުއައްޒަފުން ބައިވެރިވެފައިވާއިރު ކުލަލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ހުކުރު މިސްކިތާއި ބަންޑާރަ މިސްކިތުގެ އިތުރުން މަސްޖިދުލް ސުލްތާން އާދިލް އަދި ދަރުމަވަންދަ ރަސްގެފާނު މިސްކިތުގައިކަން ފާހަގަކޮށްފައިވެއެވެ.
މިއީ ބީއެމްއެލްއިން ގެންގުޅެމުން އަންނަ މުޖުތަމައަށް ހިދުމަތް ކޮށްދިނުމުގެ ސަގާފަތް ދަމަހައްޓައި މީގެ ކުރީ އަހަރުތަކާއި އެއްފަދައިން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކެއްކަންވެސް ހިއްސާކޮށްފައިވެއެވެ.

