11 އަހަރު ދުވަހު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި މަރިޔަމް ވިސާމް އެ މަގާމުން މިމަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
ވިސާމް އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އޭނާ ވަނީ މާކެޓިން މެނޭޖުމަންޓުގެ ދާއިރާއިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާއިން ރާއްޖެއިން ބޭރުން މާސްޓާސް ހާސިލުކުރައްވާފައެވެ.
ވިސާމްގެ ދިގު ކެރިއަރުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވާފައިވެއެވެ.
މީގެ އިތުރުން، ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބައެއް އިސް މަގާމުތައްވެސް ފުރުއްވާފައެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން އަލަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

