މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ކަރެކްޝަންސް އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
ކަރެކްޝަންސްއިން ކުރި އިއުލާނެއްގައި ބުނީ، މި މަޤާމުގެ އަސާސީ މުސާރައަކީ 6050 ރުފިޔާ ކަމަށާއި، ސަރވިސް އެލަވަންސްގެ ގޮތުގައި ހުވާ ކުރުމަށްފަހު 3500 ރުފިޔާ ލިބޭ ކަމަށެވެ.
ނޮން ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 45 އިންސައްތަ ލިބޭއިރު، ލިވިންގ އެލަވަންސްގެ އިތުރުންވެސް އަދިވެސް އިތުރު އެލަވަންސްތައް ލިބެއެވެ.
މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހެނީ މާފުށީ ޖަލު، އައްސޭރި ޖަލު އަދި ހުޅުމާލޭ ޖަލުގައެވެ.
މަޤާމަށް ކުރިމަތިލުމުގެ ފެންވަރާއި ޝަރުތުވެސް އިއުލާނުގައި ވަނީ ހިމަނާފައެވެ. އެގޮތުން ދިވެހި ރައްޔިތެއްކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ހިމެނެއެވެ.
މީގެ އިތުރުން، އުމުރުން 18 އަހަރު ފުރި، 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން ހިމެނެއެވެ.
ހަމައެއާއެކު، ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2025 މާރޗް 24 ވާ ހޯމަ ދުވަހު 18:00 ގެ ނިޔަލަށް ހުށަހަޅަންޖެހެއެވެ.

