ރައްޔިތުންގެ މަޖިލީހަށް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ހާޒިރުކުރުމުގައި ރައީސް އޮފީހުގެ ހުއްދަ ހޯދަންޖެހޭކަމަށް ބުނާ ވާހަކަ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ދޮގުކުރައްވައިފިއެވެ.
އޮންލައިން ނޫހެއްގައި މިފަދައިން ރިޕޯޓުކޮށްފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ފަލާހު ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި ކުރެވިފައިވާ ތުހުމަތުތަކެކެވެ.
މަޖިލީހުގެ މެންބަރުންގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ގޮތަށް، އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރާ މެންބަރުންނަށް އެކި ބާވަތުގެ ފިއްތުންތައް ކުރިމަތިކުރުވާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
މިފަދަ ފާޑުކިޔުންތަކާ ގުޅޭގޮތުން ސަރުކާރުގެ މެންބަރުން ވިދާޅުވަނީ މި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ހަމައެކަނި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައްޔާއި އެހެނިހެން މަސައްކަތްތަކުގައިވެސް މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

