އިމާރާތެއްގެ މަތިން ވެއްޓުނު އަންހެން ކުއްޖާގެ މައްސަލައިގައި އިހުމާލުވާ ކޮންމެ ފަރާތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން މެންބަރު އަބްދުއްރަހްމާން ވިދާޅުވީ، ”ވަކި މީހެއްގެ ދަރިއަކަށްވީތީ ނުވަތަ ވަކި މީހަކާ ގުޅުން އޮވެގެން ގާނޫނު ކުރިމަތީގައި ހާއްސަ ކަމެއް ލިބިގެންދާން ނުޖެހޭ“ކަމަށެވެ. އަދި މައްސަލައިގައި މަސްތުވެގެން ތިބި ފަރާތްތަކުގެ މައްސަލަވެސް ބަލަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެންބަރު އަބްދުއްރަހްމާން ވިދާޅުވީ ރާއްޖޭގައި ޕާޓީ ޑްރަގްސްއާއި ސިންތެޓިކް މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެންމެ ކުރީ ސަފުގައި ތިބެނީ ހާއްސަ ކޮށްފައިވާކަމަށް ފެންނަ ޒުވާނުންނާއި ބޮޑެތި މީހުން ކަމަށް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައްވަމުން، މެންބަރު އަބްދުއްރަހްމާން ވިދާޅުވީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި މަސްތުވެގެން ފާހިޝް އަމަލުތަކަށް އަރައިގަންނަ ފަރާތްތަކަށް އިބުރަތެއް ލިބޭނެ ގޮތަކަށް މި މައްސަލަ ނިންމަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުލުހުންގެ ތަހުގީގުން މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި، ސީސީޓީވީ ފޫޓޭޖުން ތުހުމަތުކުރެވޭ ފަރާތާއި އަނިޔާ ލިބުނު ކުއްޖާ ގައިގޯޅިވެ އުޅޭ މަންޒަރުތައް ފެންނަން ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

