ކުށްކުރާ ގުރޫޕުތައް ހުއްޓުވުމަށްޓަކައި މިހާރު ފުލުހުންގެ މުއައްސަސާއިން 24 ގަޑީރު މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޝުޖާއު ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށެވެ. އަދި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށާއި ހުށައެޅިގެންދާ މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމަންވެސް މަސައްކަތްތައް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، ހުށައަޅާ މައްސަލަތަކުގެ ވާނުވާ އެ ފަރާތްތަކަށް މިހާރަށްވުރެ ހަރުދަނާކޮށް އަންގަންޖެހޭކަމަށާއި މިކަންކަން އިސްލާހުކުރުމަށްޓަކައި މިހާރުވެސް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކަށް ހައްލުތައް ހޯދައިދިނުމަށް މުއައްސަސާއިން އަބަދުވެސް މަސައްކަތްކުރަންޖެހޭނެކަން ގަބޫލުކުރައްވާކަމަށާއި އެ ސަބަބާއި ގުޅިގެން މި ދައުރުގައި އެފަދަ ގިނަ ކަންތައްތަކަކަށް ހައްލުތައް ހޯދުމުގެ މަސައްކަތްތައް ފައްޓަވާފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
ސީޕީ ވިދާޅުވީ، ރާއްޖޭގައި ސްކޭމާއި ސައިބަރ ކްރައިމްގެ މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެން އެ މައްސަލަތައް ބަލާނެ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާނެކަމަށެވެ. އެގޮތުން 24 ގަޑީރު ހިދުމަތް ދެވޭނެ ގޮތަށް ސްކޭމް ސެންޓަރެއް ގާއިމުކުރެވިފައިވާކަމަށާއި ސައިބަރ އޮޕަރޭޝަން ސެންޓަރަކާއި ސައިބަރ މައްސަލަތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަނެއް އުފައްދައި މިހާރު ހިދުމަތް ދޭން ފެށިފައިވާކަމަށް ހިއްސާކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ، މި ދައުރުގެ ތެރޭގައި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދުތައް އިތުރުކޮށް މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައާއި ޖަމާއަތް ހަދައިގެން ކުށްކުރުމުގެ މައްސަލަތައް ފާހަގަކުރެވޭ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާނެކަމަށްވެސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، މި ދައުރުގެ މިހާތަނަށް 798 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި 9000 އަށްވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގަނެވިފައިވާކަމަށެވެ. އަދި މަގުމަތީގެ އަގަށް ބަލާއިރު އެތަކެތީގެ އަގު 1.4 ބިލިއަނަށްވުރެ އިތުރުކަން އާންމުކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ، ކުށްކުރާ ގުރޫޕުތަކުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފުލުހުން 24 ގަޑީރު މަސައްކަތްކުރަމުންދާނެކަމަށެވެ.

