ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަތުމުގެ ބިންގަލަކީ އައު އަޒުމެއްގައި މަލްޓިލޭޓަރަލިޒަމް ކުރިއެރުވުން، ނުވަތަ ދޭދޭ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މާހައުލެއް އުފެއްދުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަލްޓިލެޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ޕީސް ދުވަހާ ގުޅިގެން ނެރުއްވި ޚާއްޞަ މެސެޖުގައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހި ކުރުމަށް ގޮވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ، މަލްޓިލެޓަރަލިޒަމް ކުރިއެރުވުމަކީ ކަނޑުގެ ސަރަޙައްދުތަކާ ގުޅިފައިވާ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ (ސިޑްސް) ގެ ޤައުމުތަކަށް ވަކީން މުހިންމު ކަމެއް ކަމަށެވެ. މަލްޓިލޭޓަރަލިޒަމަކީ އެއް އަމާޒެއް ހާސިލްކުރުމަށް އިއްތިހާދުވެފައިވާ ގިނަ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ހަމަހަމަކަން ގެއްލިދިއުން އިތުރުވެ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޤައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުން ހަރުދަނާ ކުރުމަށް އަދަށްވުރެ މުނާސަބު ވަގުތެއް ނެތްކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއްގެ ޙައިޞިއްޔަތާއި ވަކީން ޚާއްޞަކޮށް ތިމާވެށީގެ ނުރައްކާތަކާއި އިޤްތިޞާދީ ލޮޅުންތަކުގެ ސަބަބުން ޤައުމު ހުށަހެޅިފައި އޮތް ނާޒުކު ޙާލަތަށް އިޝާރާތްކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، މަލްޓިލޭޓަރަލް ފޯރަމްތަކުގެ ސަބަބުން، މިފަދަ ޤައުމުތަކުގެ އަޑަށް އިތުރު ބާރެއް ލިބި، އިސްތިޤްލާލު ހިމާޔަތްކުރުމަށާއި، ކްލައިމެޓް ޑިޕްލޮމަސީގެ ކާމިޔާބުކަން ދެމެހެއްޓުމަށް ބޭނުންވާ މަންސަތައް ފަހިވެގެންދާކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވީ ނަމަވެސް، ޑިޕްލޮމެޓިކް މައިދާނުގައި ދިވެހިރާއްޖެއިން ކޮށްފައިވާ ޚިދުމަތްތަކާއި، އެ ކާމިޔާބީތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، އ.ދ.ގައި ބައިވެރިވި އެންމެ ކުދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ޙައިޞިއްޔަތުން، 1989 ވަނަ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި، ކުދި ޤައުމުތަކުގެ ނާޒުކުކަން ރަސްމީކޮށް ބަލައިގަތުމަށް މަގުފަހިކުރުވި ”ޕްރޮޓެކްޝަން އެންޑް ސެކިއުރިޓީ އޮފް ސްމޯލް ސްޓޭޓްސް“ ޤަރާރު ދިވެހިރާއްޖެއިން ކާމިޔާބުކަމާއެކު ތަޢާރަފްކުރިކަން ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ޢަދުލުއިންޞާފަކީ ބާރުގަދަ ޤައުމުތަކަށް އޮތް އިޚްތިޔާރެއް ނޫންކަމަށާއި، ހަމަހަމަކަމަކީ އަސާސީ ކަމެއްގެ ގޮތުގައި ބަލައި ނުގަންނަ އޮނިގަނޑުތައް އަލުން ބައްޓަން ކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޞުލްޙައަކީ ހަމައެކަނި ހަމަނުޖެހުންތައް ނުހިނގުން ނޫންކަމަށާއި، އޭގެ ބަދަލުގައި، އެއީ ވާހަކަ ދެކެވުމާއި، ޙިއްޞާކުރެވޭ މަޤްޞަދު ޙާޞިލުކުރުމާއި، އެއްބާރުލުން ދިނުމާއި، ލިބިގަތުންކަމަށެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި އިންޓަރނޭޝަނަލް ޑޭ އޮފް މަލްޓިލޭޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ފޮރ ޕީސްގެ ނަމުގައި ދުވަހެއް ފާހަގަކުރަނީ، ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓައި، ސުލްހަވެރިކަމާއެކު ހަމަނުޖެހުންތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައެވެ. އިންޓަރނޭޝަނަލް ޑޭ އޮފް މަލްޓިލޭޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ފޮރ ޕީސްގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހެވެ.

