މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން މި ދަތުރުފުޅުގެ މައިގަނޑު އަމާޒުކަމުގައި ވެއެވެ.
ދަތުރުފުޅުގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރާއެކު ބޭއްވޭ ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާމެދު މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ރައީސް މުއިއްޒު އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި ދަރުހެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެލޭޝިއާގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެން، އެ ޤައުމުގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ.
ދަތުރުފުޅުގެ ތެރޭގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

