2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުތަކުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މި އިމްތިހާނުތައް ކުރިއަށްދާނީ މިއަހަރުގެ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހުއެވެ.
މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 ޖޫން 10 ވާ އަންގާރަ ދުވަހުން ފެށިގެން 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ކައުންޓަރުން (ޢިއްޒުއްދީން ބިލްޑިންގ) އަދި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް info@dpe.edu.mv އަށް މެއިލް ކުރެވޭނެއެވެ.
މީގެކުރިން އޭ ލެވެލްގައި ބައިވެރިވާ ދަރިވަރުންގެ އަދަދަކީ ގާތްގަނޑަކަށް 1100 އެއްހާ ދަރިވަރުން ކަމަށާއި އެހެން ނަމަވެސް އެ އަދަދު މިހާރު 2000 އަށް މަތިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރަ ޑރ. އިސްމާޢީލް ޝަފިޢު ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު، މުޅި ރާއްޖޭގެ ޕަބްލިކް ހުރިހާ ސްކޫލުތަކަށް އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކުގައި އޭލެވެލް ކިޔަވައިދޭ މިންވަރަކަށް ބަލާއިރުވެސް، ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

