ފ މަގޫދޫގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ސަރުކާރުން ނިންމާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައިސް އޮފީހުން އެހެން ބުނެފައިވަނީ ޤާނޫނު ނަންބަރު 1/2014 މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެރަށުގެ ރައްޔިތަކު ފޮނުވި ފޯމުގެ ޖަވާބުގައެވެ. އެގޮތުން އެ ފަރާތުން ވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ހުށަހަޅާފައެވެ.
އެ ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ، ފ މަގޫދޫގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ކެބިނެޓުން ނިންމާފައިނުވާކަމަށެވެ.
މި ސުވާލު އަމިއްލަ ފަރާތަކުން ހުށަހަޅާފައިމިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށާއި ތަރައްގީގެ ޕްލޭނުގައި އޮތީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅަން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެހެންނަމަވެސް މި ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މި ދައުރު ތެރޭ އެ އެއާޕޯޓު ހުޅުވާނެކަމަށްވެސް މުއްތަލިބުވެސް ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.
މުއްތަލިބު ވިދާޅުވީ މަގޫދޫގައި އެއާޕޯޓު އަޅަމުން އަންނަނިކޮށް ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހުނީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތުގައި މިވަގުތު ލަސްތަކެއް އުޅުނު ނަމަވެސް މަޝްރޫއު ނިންމައި އެ އެއާޕޯޓަކީ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

