ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. އެ 3 މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.
މި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ވާހަކަ ދެއްކުމެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ އެއް ކަމެކެވެ. އެއީ ސިއްރު ހެކިން 1ން ފެށިގެން 5ަށް ހިމެނޭ ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރެއް ނެރެދީ، އެ ހެކިންނަކީ ކާކުކަން ނޭނގޭނެ ގޮތަށް ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
މި މައްސަލައިގައި ދިފާއުގެ ހުށަހެޅުންތައްވެސް ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހެކިތަކެއް ހިމެނެއެވެ. އަދި އެއަށްފަހު ހުށަހެޅުންތަކާ ގުޅޭގޮތުންވެސް ދެފަރާތުން ބަހުސްކޮށްފައިވެއެވެ.
އެހެންކަމުން ދެން އޮންނާނީ އެ ހުށަހެޅުންތަކަށް ޝަރީއަތުން ގޮތެއް ނިންމުމެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ ތެރޭގައި މެޑިކަލް ލިއުންތަކާއި ކްރައިމް ސީން ރިޕޯޓުގެ އިތުރުން، އެމީހުންގެ ސެލް ލޮކޭޝަން އަދި ކޯލް ޑީޓެއިލްތަކާއި، އަހުޒަމް އަދި ރިފާސްގެ އިއުތިރާފާ ގުޅޭ ލިއެކިއުންތައް ހިމެނެއެވެ.
އޭގެ އިތުރުން، އަބްދުލްވާހިދު ރިފާސް އަދި އަހުޒަމް އަބްދުލް ޝަކޫރު ތަހުގީގު މަރުޙަލާގައި އެކި ފަހަރުމަތިން ދީފައިވާ އިއުތިރާފު ބަޔާންތައްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދެމީހުންގެ ބަޔާން ދިމާވާ ކަމަށާއި، އަދި ބަޔާނުގައި ހުރި ކަންކަން މި މައްސަލައިގެ ވަށައިގެން ފެންނަން ހުރި ހެކިތަކާވެސް ދިމާވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ މުޅި ތަހުގީގު ބިނާވެފައިވަނީ މައްސަލައިގައި ދައުވާލިބޭ އަހުޒަމްއާއި ރިފާސްގެ އިއުތިރާފުގެ މައްޗަށް ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ފުލުހުން ގާތުގައިިވެސް، އަދި ދެފަހަރެއްގެ މަތިން މުއްދަތު މަޖިލީހުގައިވެސް އަހުޒަމް އިއުތިރާފުވެފައިވާ ކަމަށާއިި، އެ އިއުތިރާފުން މުޅި މި މައްސަލައިގެ އިސްކޮށް އުޅުނީ ޙަސަން ފަވާޒްކަން އެނގިގެންދާ ކަމަށެވެ.
އެހެންނަމަވެސް ފަހުން އެމީހުން ކުށަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އެމީހުން ބަޔާން ނެގިއިރު ހާޒިރުވެ ތިބި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.
ދައުލަތުން ހުށަހެޅި އިތުރު ހެކިތަކުގެ ތެރޭގައި ނައީމާ މޫސާ ދިރިހުއްޓާ އެންމެ ފަހުން ދިމާވި މީހާއާއި، ނައީމާ ހޯދުމުގައި އުޅުނު މީހުންގެ އިތުރުން، ނައީމާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނުއިރު އެ ސަރަޙައްދުގައި އުޅުނު މީހުންނާއި، ސިއްޙީ ދާއިރާ އަދި ޤާނޫނު ތަންފީޒު ކުރާ އިދާރާގެ މުވައްޒަފުން ހިމެނެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

