ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުން ދަމަހައްޓައިފި!

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރުތައް ސްޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ހައިކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ 15 ދުވަސް ހަމަވާން 1 ދުވަހަށް ވެފައިވަނިކޮށް ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.

އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން ބަންދުގެ މުއްދަތު އިތުރުކުރަން އެދުނުކަމަށް ބުނާ ނުކުތާ:

މި މައްސަލައިގައި ޝަމްއާންގެ ވަކީލު ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ އަމުރާ ގުޅޭގޮތުން މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ އެ ކޯޓުން މީގެ ކުރިން ކޮށްފައިވާ ޙުކުމްތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބެލުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މި ނުކުތާގައި ރައުޔު އިއްވަވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މަނީ ލޯންޑަރިންގ ގެ ކުށާ ގުޅުވައި އަންނަނީ ކޮރަޕްޝަންގެ ކުށެއްކަމަށްވާތީ އެ ތުހުމަތު އޭސީސީއަށް ނުބައްސައި، ފުލުހުންނަށް އެކަނި އެ މައްސަލަ ބެލިދާނެތޯ ބަލާއިރު ފާހަގަވާ ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ، އެ ޙާލަތުގައި ބަންދާމެދު ގޮތެއް ނިންމުމަށް އެދުމުގައި ފުލުހުންނަށް ޤާނޫނީ ހުރަހެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތަށް މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކުގައި ނިންމާފައިވާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މިހާރު މި މައްސަލައިގައި އޭސީސީއާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތްކަން އެނގޭކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި ފުލުހުންނަށް ޤާނޫނީ ހުރަހެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހެއްކަށް ނުފޫޒު ފޯރުވުމަށްޓަކައި ބެލޭނެ ހެކިނެތީސް ބަންދު ނުކުރެވޭނެކަމަށް ބުނާ ނުކުތާ:

މި ނުކުތާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު އިސްތިއުނާފީ ނުކުތާ ހުށަހަޅުއްވަމުން ވަކީލު ވިދާޅުވީ، އެ ނިންމުމާ ގުޅޭގޮތުން ހައިކޯޓަށް ޝަމްއާންގެ ފަރާތުން ހުށަހެޅި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ވަރުގެ ނުކުތާއެއް ނޫންކަމަށް ކަނޑައަޅާފައިވަނީވެސް މަތީ މަރުޙަލާގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ތަބާވުމުގެ ދުސްތޫރީ ނިންމުމާ ޚިލާފަށްކަމަށެވެ. އެގޮތުން ޝަމްއާން ހުށަހެޅި ނުކުތާއަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމަކާ ޙަވާލާދީ ހައިކޯޓަށް ހުށަހެޅި ނުކުތާއެއްކަމަށް ވަކީލު ވިދާޅުވިއެވެ.

މި ނުކުތާގައިވެސް ފަނޑިޔާރު ޝަހީދު ވިދާޅުވީ، ޝަމްއާން ބަންދު ކުރުމަށް ނިންމީ މައްސަލައިގެ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުންކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާ ކަމަށާއި، އެ ނިންމުން ދެމެހެއްޓި ގޮތް ގޯސްވާ ގޮތެއް ޝަމްއާންއަށް ބުނެދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެއަށްފަހު ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވަނީ ރައުޔު އިއްވަވާފައެވެ. ފަނޑިޔާރު އައިޝާ ޝުޖޫން ދެކިލައްވާ ގޮތުގައި ކޮރަޕްޝަންގެ ކުށަކާ ގުޅޭ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ، އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅެއް ނޫނެވެ.

އެހެންނަމަވެސް ޝަމްއާންގެ މައްޗަށް ކޮރަޕްޝަން ނޫން ކުށްތަކެއްގެ ތުހުމަތުތަކެއްވެސް ކޮށްފައިވާތީ، އެ ސަބަބަށްޓަކައި ކްރިމިނަލް ކޯޓުގެ ފުރަތަމަ އަމުރު ބާތިލުކަމަށް ކަނޑައަޅަން ނުޖެހޭކަމަށް ދެކިލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ދެވަނަ އަމުރާ ގުޅޭގޮތުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ޝަމްއާންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބުނުމަށް ޝަމްއާން އޭރު ހުރި މަޤާމުގެ ވާހަކަ ވިދާޅުވުން ފިޔަވައި ދައުލަތަށް އިތުރު ސަބަބެއް ދެއްކިފައި ނެތް ކަމަށެވެ. އެގޮތުން ދައުލަތުން ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބަލައި، ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނެރުނު އަމުރަށް ތާއީދުކޮށް ހައިކޯޓުން ނެރުނު އަމުރު ބާތިލުކަމަށް ކަނޑައަޅަންޖެހޭކަމަށް ޝުޖޫން ވިދާޅުވިއެވެ.

ދެން އިންނެވި ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ، ފަނޑިޔާރު ޝަހީދުގެ ރައުޔަށް ތާއީދު ކުރައްވާ ކަމަށެވެ.

އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ ފުރަތަމަ އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ހައިކޯޓުގެ ދެވަނަ އަމުރުވެސް ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: