ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. 2008 ވަނަ އަހަރު އެމްޑީޕީން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަން ހޯދިއެވެ. ނަމަވެސް، އެމްޑީޕީގެ ބަހުން ނަމަ ބަޣާވާތަކާ ގުޅިގެން އެ ވެރިކަން ކުރު މުއްދަތެއްގައި ނިމުމަކަށް އައެވެ. އެހެންނަމަވެސް، އެ ކުރު މުއްދަތުގެ ތެރޭގައި ހިލޭ ބޭސްފަރުވާ، ހިލޭ ފޮތް ލިސްޓު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އެކަނިވެރި މައިންނާއި އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތްތައް ފަދަ ގިނަ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކެއް ތަޢާރަފުކުރެވުނެވެ.
އެމްޑީޕީގެ އެންމެ ފާހަގަކޮށްލެވޭ އެއް ލީޑަރަކީ ކެނެރީގޭ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަކީ ގިނަ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމްޑީޕީއަށް ގާތްގަނޑަކަށް 20 އަހަރު ފުރޭއިރު، އެ ޕާޓީއަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ވަރުގަދަ ޕާޓީއެކެވެ. އެމްޑީޕީގެ ތެރެއިން ގިނަ ސިޔާސީ ލީޑަރުން އުފެދި، އާ ޖީލުތަކަށް ޖާގަ ދެވެމުން ދިޔަ ނަމަވެސް، ޕާޓީގެ އެތެރޭގެ މާޙައުލު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔައެވެ. މި ހާލަތު މިހެން މެދުވެރިވުމުގެ މައިގަނޑު އެއް ސަބަބަކީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަމެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، ރައީސް ނަޝީދު އަނެއްކާވެސް ކުރިމަތިލެއްވުމަށް ނިންމެވިއެވެ. ނަމަވެސް، މި ފަހަރު އެމަނިކުފާނަށް ވާދަކުރައްވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެކުގައި އެމްޑީޕީގެ ޕްރައިމަރީގައެވެ. މި ޕްރައިމަރީއަކީ ވަރަށް ފޯރިގަދަ އަދި ވާދަވެރި އިންތިޚާބަކަށް ވިއެވެ. ނަތީޖާއެއްގެ ގޮތުން، ރައީސް ނަޝީދަށް އަނެއްކާވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ،
ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ދެކޭގޮތުގައި މި ނާކާމިޔާބީއަކީ ރައީސް ނަޝީދުގެ ސަޕޯޓަރުން ޕާޓީގައި ނެތުމުގެ ސަބަބުން ކުރިމަތިވި ކަމެކެވެ. އިންތިޚާބު ނިމުނު ނަމަވެސް، ވާދަވެރިކަން އޮތީ ހަމަ އެގޮތުގައެވެ. ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން އިތުރަށް ބޮޑުވެ، މައްސަލަ ހޫނުވުމާ ގުޅިގެން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި، ޕާޓީއާ ދުރަށް ވަޑައިގަތެވެ. އޭރު ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ދެމެދުގައި އޮތީ ސިޔާސީ ބޮޑު ޚިޔާލު ތަފާތުވުމެކެވެ. ސިޔާސީ ވާދަވެރިކަމުގެ ބޮޑު ހަނގުރާމައެއް އިއުލާނު ކުރައްވައި އެމްޑީޕީ ރޫޅާލަން ނިކުމެ ވަޑައިގެންނެވިއެވެ.
އައު ޕާޓީއެއްގެ ދިރުން:
ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގެން އައު ޕާޓީއެއް އުފައްދަވަން ގަސްތު ކުރެއްވިއެވެ. ބޯމަތިވެފައިވާ ރިޔާސީ އިންތިހާބަށް ވާދަވެރި މަސައްކަތްތަކެއް ފެށުނީ އެހިސާބުންނެވެ. ”ދި ޑިމޮކްރެޓްސް“ ނެ ނަމުގައި އެމަނިކުފާނު އައު ޕާޓީއެއް އުފައްދަވާ ޖަލްސާއެއް ބޭއްވީ 6 ޖުލައި 2023 ގައެވެ. އެއަށްފަހު ބޭއްވުނު ޖަލްސާތަކުގައި އެމްޑީޕީ އާއި ރައީސް ސާލިހް އާއި ދެމެދު ޖެހުނު މައްސަލަ ނުވަތަ އެ ހިޔާލު ތަފާތުވުން އަންދާޒާކޮށްލަން ލިބުނެވެ. ”އެމްޑީޕީ ރޫޅާލާނެ“ ކަމަށް އެންމެ ފުރަތަމަވެސް ވިދާޅުވިއެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވުމާއިއެކު އެވަގުތު އެ ޖަލްސާގައި ތިބި ހުރިހާ ބޭފުޅުންވެސް އަތްޖަހަން ފެށިއެވެ.
ބާއްވާފައިވާ ހުރިހާ ޖަލްސާއެއްގައިވެސް ރައީސް ނަޝީދު ދިޔައީ އެމްޑީޕީއަށް އެތައް ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ. އަދި އެ ޕާޓީގެ ހުރިހާ މެމްބަރުންވެސް ކަންތައް ކުރެއްވި ގޮތަކީ އެއީއެވެ.
ރިޔާސީ އިންތިހާބުގެ ފޯރި:
23ގެ ރިޔާސީ އިންތިހާބަށް އެހެން ސިޔާސީ ޕާޓީޔެކޭ އެއްފަދައިން ވެސް ޑިމޮކްރެޓްސްއިން ތަޔާރުވެ ކެންޑިޑޭތަކު ނެރުނެވެ. އެހެންނަމަވެސް ގިނަ ބަޔަކު ގަބޫލުކުރި ގޮތަށް ކަންކަން ހިނގައިގެނެއް ނުދިޔައެވެ. ރައީސް ނަޝީދު ރިޔާސީ ރޭހަށް ނުނިކުންނަވާ އެމަނިކުފާނު ނެރުއްވީ އިލްޔާސް ލަބީބެވެ.
ރިޔާސީ ޓިކެޓުގެ ބޭނުމުގައި ވަރަށް އެމްޑީޕީ ދޫކޮށް ވަޑައިގެންނެވި ކަމުގެ ލަގަބު ލިބުނު ނަމަވެސް އަމިއްލަޔަށް އުފެއްދެވި ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ނުކުރެއްވުމުން ގިނަ ބަޔަކު ސުވާލު އުފެއްދެވިއެވެ. ރިޔާސީ އިންތިހާބަށް އެމްޑީޕީއެކޭ އެއްފަދައިން އެންމެ ތަންފުކެއް ވެސް ދޫނުކޮށް ޑިމޮކްރެޓްސްއިންވެސް ދިޔައީ ގަދަކޮށް ކެމްޕެއިން ކުރައްވަމުންނެވެ.
އިންތިހާބުގެ ނަތީޖާއާއި ހަމައަށް އައިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުފެއްދި ޑިމްކރެޓްސްގެ ރޭހުގެ ތިންވަނައިން ވިދާލިއެވެ. އަނެއްކާވެސް ފާޑުކިއުންތައް އަމާޒުވިއެވެ. ވާދަވެރިން ދެން ބުނަންފެށީ ޑިމޮކްރެޓްސް އުފެއްދީ ވޯޓު ބައިބައި ކުރަން ކަމަށެވެ. އެމްޑީޕީއަށް އޮތް ތާއިދު ގެއްލުވާލަން ކަމަށެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްއަކުން އެޔަކަށް ޖަވާބެއް ދީފައެއްނުވެއެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ މަސައްކަތް:
ރިޔާސީ އިންތިހާބަށް ފަހު ޕާޓީގެ ބާނީ، ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު އެމަނިކުފާނު ވަޑައިގަތީ ސިޔާސީ މައިދާނާއި ވެސް ދުރަށެވެ. ސިޔާސީ މަސައްކަތްތަކާއި ދުރުގައި އަދި ގައުމުންވެސް ހުންނެވީ ބޭރުގައެވެ. ޑިމޮކްރެޓްސްގެ މަސައްކަތްތައް ނުވަތަ އަޑު ފަނޑުވަމުން ދިޔައީ އެހިސާބުންނެވެ. ދެކަފިވި ހިޔާލުން ފޮޅުނުވި މާ މޯޅި ވާން ފެށީ ރިޔާސީ އިންތިހާބަށް ފަހުއެވެ. އަދި އެއަށްފަހު މަޖިލިސް އިންތިހާބަށް ފަހު އަޑު އެއްކޮށް ކެނޑިގެން ދިޔަ ކަހަލައެވެ.
ރައީސް ނަޝީދު ސިޔާސީ މައިދާނާއި ދުރުގައި ހުންނަވާ ގާތް ގަނޑަކަށް އައު ސަރުކާރަށް އަހަރެއް ވެފައި ވަނިކޮށް ސިޔާސީ ވާހަކަތައް ޕޯސްޓު ކުރައްވަން ފެއްޓެވިއެވެ. އެމަނިކުފާނު ގެންނަން ބޭނުންވާ ބަރުލަމާނީ ނިޒާމާއި ގުޅިގެންވެސް ޕޯސްޓު ކުރެއްވިއެވެ. ރައީސް ނަޝީދު ކުރައްވާ ކޮންމެ ޕޯސްޓަކަށް މީޑިއާގެ އަދި އާއްމުންގެ ސަމާލުކަން ލިބެއެވެ.
އެވަގުތު ޑިމޮކްރެޓްސްގެ ތެރޭގައި ބައެއް މެމްބަރުން އެމްޑީޕީ އާއި ގުޅުމުގެ ހިޔާލުތަކެއް ގެއްގުޅެން ފެށިއެވެ. އަދި އެ ހިޔާލުތަކާއި އެއްގޮތަކަށް މެމްބަރުން އެމްޑީޕީއަށް ގުޅުމާއިއެކު ޕާޓީގެ ލީޑަރޝިޕްވެސް ބަދަލު ކުރަންޖެހުނެއެވެ. އެއަށް ފަހު ދެން ފެނިގެން ދިޔައީ ރައީސް ނަޝީދުވެސް އެމްޑީޕީއަށް ގުޅިދާނެ ކަމަށް ދެކެވޭ ވާހަކަތަކެވެ. އެމަނިކުފާނުގެ ޕޯސްޓު ތަކުން އެކަމަށް އިޝާރާތް ކުރަމުން ދިޔައެވެ. އެންމެ ފަހުން އަނެއްކާވެސް އެއްކަލަ 2028 ގެ ރިޔާސީ ރޭހުގެ ވާހަކައާއި އެކު ރައީސް ނަޝީދަށް ތާއިދު އޮތްތޯ ބެލުމަށް އެމަނިކުފާނު ޕޯސްޓެއް ކުރެއްވިއެވެ. އެހެންންމަވެސް އޭރު އުފެދުނު ސުވާލަކީ ރައީސް ނަޝީދު ރިޔާސީ ރޭހަށް ނިކުންނަވާ ނަމަ ނިކުންނަވާނީ ކޮން ޕާޓީއެއްގެ ފަރާތުންތޯއެވެ.
އެމްޑީޕީގެ އެތެރޭގެ މަސައްކަތާއި މިހާރު ކަން ހިނގާގޮތް:
2028 ގެ ރިޔާސީ އިންތިހާބާއި އަދި ކުރިއަށް އޮތް ލޯކަލް އިންތިހާބަށް ބަލާއިރު އެމްޑީޕީގައި އޮތީ ރިޔާސީ ޓިކެޓަށް ބޮޑު ކިޔުއެކެވެ. އެމްޑީޕީގެ ވަރުގަދަ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ، އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ ފޮޅުވި މާ ”ޑިމޮކްރެޓްސް“ އަކު މިއަދަކު ވަހެއްވެސް ނެތެއެވެ. އެ މާ އޮތީ މޯޅިވެފައެވެ. އަނެއްކާވެސް ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ އޮޑީގެ މިސްރާބު އޮތީ ރަން ރީންދުލާއި ދިމާއަށެވެ. ޕާޓީގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ގުޅެން ނިންމާފާއިރު އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް އިތުރު ވެގެން ހިނގައިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.
ރައީސް ނަޝީދު އެނބުރި އެމްޑީޕީ އާއިއެކު ގުޅެން ނިންމާފައިވާއިރު އަނެއްކާވެސް މާޒީ ތަކުރާރު ވެދާނެތޯ މިއީ އުފައްދަން ރަނގަޅު ސުވާލެކެވެ. ރައީސް ނަޝީދު އަދި ރައީސް ސާލިހް ޕްރައިމަރީގައި ވާދަކޮށްފި ހާލަތެއްގައި ހިޔާލުތައް ފުށުއަރާފާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިހާރު އުފެދޭ މުހިންމު ސުވާލަކީ، ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން، އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް އިތުރުވެދާނެތޯއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ކުރިއަށްދާނީ 2023 ވަނަ އަހަރަށްވުރެ ގަދަފަދަކޮށްތޯ ނުވަތަ އަނެއްކާވެސް އެތެރޭގެ ކޯޅުންތައް އިތުރުވެދާނެތޯއެވެ.
އަޅުގަނޑުގެ ހިޔާލުގައި އެމްޑީޕީގެ މުސްތަޤުބަލު ބިނާވެގެންދާނީ ޕާޓީގެ ލީޑަރުންނާއި މެންބަރުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މައްޗަށެވެ. އެތެރޭގެ ކޯޅުންތައް މަދުކޮށް، ޕާޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ކަންކަން ކުރެވިއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.


One Response
ނޫސްވެރިންނަށް ވާނުވާ އެނގެންޖެހޭ…ހިލޭ ފޮތްތައް ދޭން ފެށީ 2007 ގެ ދިރާސީ އަހަރުން ފެށިގެން. އަންނި ވެރިކަމަށް އައީ 2 އަހަރު ހިލޭ ފޮތް ދިންފަހުން.. ބޭސްފަރުވާ ވެސް ހިލޭ ލިބޭ. އެކަމަކު އޭރު ލިބެނީ ސަރުކާރު މުވައްޒަފުންނަށް އެކަނި. ދެން ތިބުނާ އިޖުތިމާއީ ހިދުމަތްތަކަކީ 2008 އޮގަސްޓްގައި އަމަލު ކުރަންފެށި ފެހި ޤާނޫނު އަސާސީން 2009 ން ފެށިގެން ކުރަން ލާޒިމްކުރި ކަންކަން.
އޭރު ވެރިކަމުގައި ހުރީ އަންނި އެހެންވީމާ އަންނި އެކަންތައް ކުރީ.. އޮޅުވާނުލައްވާ..މީ ޙަގީގަތަކީ..