ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ ހއ އތޮޅުން ފެށިގެން ދ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ މިއަދުގެ 14:30 އާއި ހަމައަށް ނެރިފައިވާ ސަމާލެކެވެ.
މިއަދުގެ ހަވީރު 18:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެޓުން ބުނެފައިވަނީ އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށާއި އަދޮ ދެކުނުގެ ބައެއް ރަށްރަތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
ވަޔަށް ބަލާއިރު ދެކުނާއި ހުޅަނގުދެކުނުން، އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލައި ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދު ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރު މިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް ވަނީ ބުނެފައެވެ.
ކަނޑަށް ބަލާއިރު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އިތުރާއި މެދު ރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ރާޅުގެ އުސްމިނަށް ބަލާއިރު ދެކުނުން 2-4 ފޫޓުގައި ހުންނާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެ ތެރެއަށް ބަލާއިރު 4-6 ފޫޓަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

