ދުނިޔޭގެ އަންހެން ޑިޕްލޮމެޓުންގެ ދުވަހުގެ މުނާސަބަތުގައި އިންޓަރެކްޓިވް ޑައިލޮގެއް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބާއްވައިފިއެވެ.
އިންޓަރެކްޓިވް ޑައިލޮގް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)ގައެވެ.
މި އިވެންޓުގައި އ.ދގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެ ތަމްސީލުކުރެއްވި އެންމެ ފުރަތަމަ އަންހެން ޑިޕްލޮމެޓް، އަނީސާ އަހްމަދު ވަނީ މި އިވެންޓުގެ ކީނޯޓް ހިތާބުދެއްވައިފައެވެ. އެގޮތުން، އަނީސާ ވަނީ، އޭނާގެ ހަޔާތުގެ ދަތުރުއަށް އަލިއަޅުވާލައި، އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާއި ލިބުނު ފުރުސަތުތަކުގެ ވާހަކަދައްކަވައިފައެވެ.
މީގެއިތުރުން، އަނީސާވަނީ، މިވަގުތު އަދި މުސްތަގުބަލުގައި ޑިޕްލޮމެޓުންނަށް ވާނެ އަންހެނުންނަސް ހިތްވަރުދެއްވައިފައެވެ.
މި އިވެންޓުގައި، ޗައިނާއިން ރާއްޖޭގައި ހުންނަ އެމްބަސީގެ މިނިސްޓަރ ކައުންސެލާ، ހޭ ފެންއާއި އިންޑިއާއިން ރާއްޖެގައި ހުންނަ ހައި ކޮމިޝަންގެ ކައުންސެލާ ކިރާން ޙަތްރީއާއި އ.ދގެ ޑިވެލޮޕްމަންޓު ޕްރޮގުރާމުން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ޑެޕިއުޓީ ރެސިޑެންޓު ރެޕްރެސެންޓޭޓިވް ޕެކް ޗުއާން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި، އަންހެނުން ބާރުވެރިކުރުމަށް ދޭންޖެހޭ މެންޓާޝިޕާއި ކެރިއާ ކުރިއެރުވުމަށް އިދާރާތަކުން މަސައްކަތްކުރެވޭނެކަމަށާއި ޑިޕްލޮމެޓިކް ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ގެނަންޖެހޭ ބަދަލުތަކާއި ޑިޕްލޮމެޓިކް ދާއިރާގައި އަންހެނުންގެ ބައިވެރިވުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
މި ޕެނަލް މޮޑެރާޓްކޮށްފައިވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސީނިއާ އަންޑާ ސެކެޓަރީ، ހުސައިން ޝިހާބުއެވެ.
މީގެއިތުރުން، މި އިވެންޓުގައި ދިވެހިރާއްޖޭގެ އެންމެ ޒުވާން އަންހެން ޑިޕްލޮމެޓް، ނައުޝީން ނައިފް ސަލީމު ވަނީ ވާހަކަދައްކަވައިފައެވެ.
ކޮންމެ އަހަރެއްގެ ޖޫން 24 ވަނަ ދުވަސް ފާހަގަކުރެވިގެންދަނީ، ދުނިޔޭގެ އަންހެން ޑިޕްލޮމެޓުންގެ ދުވަސް(އައިޑީޑްބްލިއުއައިޑީ)ގެ ގޮތުގައެވެ.

