އަނިޔާވެރި ގޮތަކަށް އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) މަރާލާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަބްދުއްރަޙުމާން ގޭގައި ނިދާފައި އޮއްވައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާކަމުގެ މައުލޫމާތު 13 ޖުލައި 2025 ގެ ދަންވަރު 01:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް ހިއްސާކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައިގެ ތަހުގީގަށް މާލެއިން ޓީމެއް މިހާރު ވަނީ ގޮސް އެ ރަށުގައި ޙަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ އެރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރަމުންނެވެ.
އެނާގެ ބޮލުގެ ފުއްކިބައިގައި އެއްޗަކުން ޖަހާފައިވާއިރު، މުޅި އެނދުމަތީގައި ލޭ ހުރި ކަމަށާއި، ސިކުނޑީގެ ބައެއް ވެސް ފެންނަން އޮތްކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ވަނީ ފާހަގަކޮށްފައެވެ.

