އެމްޑީޕީގެ ސަރުކާރުގައި ގެންގުޅެފައި ހުރި ދޯހަޅި ސިޔާސަތުތަކެއްގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު އެއްކޮށް ގޯސްވެ، ދަރަނިވެރިވެފައި ވާތީ އެކަމުން އަރައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ މި ސަރުކާރުންކަމަށް ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އަސަދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައިރު ސަރުކާރު ހިއްސާވާ ކުންފުނިތައް އޮތީ އެއްކޮށް ދަރަނިިވެރިވެފައި ކަމަށެވެ. އަދި ގައުމުގެ މަލީ ހާލަތު އިންތިހާއަށް ގޯސްވެފައި އޮތް އިރު، ބޭރުގެ ޖުމްލަ ދަރަނި 120 ބިލިއަނުން މައްޗަށް އަރާކަމަށް އަސަދު ވިދާޅުވި އެވެ.
ކުންފުނިތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަސަދު ވިދާޅުވީ ފެނަކަައާއި އާރުޑީސީގެ އެކަނި ވެސް ވެސް 4 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. އެއާއި އެކު ކުންފުނިތަކުން އަމިއްލަ ފަރާތްތައް މެދުވެރިކޮށް މަސައްކަތް ކުރުވައި، އެ ފަރާތްތަކަށް ފައިސާ ދީފައި ނުވާކަމަށް އަސަދު ވިދާޅުވިއެވެ. އަސަދު ވިދާޅުވީ ވެރިކަަމަށް އައިސް ކުންފުނިތަކުގެ ދަރަނިން ސަލާމަތްވުމަށް އެހީވެ، ފައިސާ ދައްކަން ޖެހުނީ މި ސަރުކާރު ކަމަށެވެ.
އަސަދު ވިދާޅުވީ ކުންފުނިތަކަށް މާލީ ގޮތުން އެހީތެރިވުމަށް ފިޔަވަޅު އަޅަން ކާމިޔާބު ސިޔާސަތުތަކެއް އެކުލަވާލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ވިދަޅުވީ ޕްރޮޖެކްޓުތައް އެވޯޑުކޮށް، މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެމްޑީޕީ ފަށާފައި ނެތްކަމަށެވެ. އެއާއި އެކު ގިނަ މަޝްރޫއުތައް ސަބް ކޮންޓްރެކްޓުކޮށްފައި ހުރުމުގެ ސަބަބުން ވެސް ދަތިތައް ދިމާވިކަމަށް އަސަދު ވިދާޅުވި އެވެ. އެހެންވެ މަޝްރޫއުތައް އަލުން އެވޯޑު ކުރެވި، ބައެއް މަސައްކަތްތައް ނިމުމަކާއި ހަމައަށް ގޮސްފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ.
19 ވަނަ މަޖިލީހުން ކޮންމެ އަހަރެއްގެ ބަޖެޓު ފާސް ކުރީ ވެސް އަސަދު ވިދާޅުވި ގޮތުގައި، އަސްލެއް ނެތް އަދަދުތައް ހިމަނައިގެންނެވެ. އެގޮތުން ޕްރޮޖެކްޓުތައް ނުހިނގި އޮތް އިރު، ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކި ހޭދަތައްކޮށްފައިވާކަން ވެސް އަސަދު ފާހަގަކުރެއްވި އެވެ. +
އާރުޑީސީން އޮތީ ހަތަރު ވަރަކަށް ބިލިއަން ރުފިޔާ ނުދައްކާ. އެހެނިހެން ކުންފުނިތަކާ އެއްކޮށް ދިހަ ފަނަރަ ވަރަކަށް ބިލިއަން ރުފިޔާ ނުދައްކާ އޮތީ.. މިހާރު އަޅުގަނޑުމެން މި ސަރުކާރަށް އައިސް ކުރަން ޖެހުނު މަސައްކަތަކީ މި ކުންފުނިތަކަށް ލާރި ދިނުން..
އަސަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި އޮތީ ކޮރަޕްޝަނުގެ ހާއްޔެއްކަމަށެވެ. އަދި ކޮރަޕްޝަނަށް ޖާގަ ދީގެން ސަރުކާރު އޮތް އިރު، ވެރިން ގެންދެވީ ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދެމުންކަމަށް ވިދާޅުވި އެވެ. މިއީ އިންތިހާބުތަކާއި ދިމާކޮށް، ކެމްޕެއިނުގެ ބޭނުމަށް ނެގި ފައިސާކަމަށް ތުހުމަތު ކުރައްވައި އަސަދު ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިލިއަނުން ފައިސާ ދީފައި އެބަހުރިކަމަށެވެ.
އެމްޑީޕީ ތަކުރާރު ކުރަމުން ދިޔަ ވައްކަމާއި ހިޔާނާތާއި ރައްޔިތުން ދެކޮޅުވުމަކީ މި ސަރުކާރަށް ރައްޔިތުން ވޯޓު ދީ، މަޖިލީހުގައި ސުޕަ މެޖޯރިޓީ ދިން ސަބަބުކަމަށް އަސަދު ވިދާޅުވި އެވެ. އަސަދު ވިދާޅުވީ މިއީ އެއްވެސް ހަމައެއް އުސޫލެއް ނެތި ދޫކުރެވިގެން ވާނެ ފައިސާއެއް ނޫންކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ.
އެހެންކަމުން މިއަދު ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ، ދެވަނަ ފަހަރަށް އެފަދަކަމެއް ހިނގަން ޖާގަ ނުދިނުންކަމަށް އަސަދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ކޮރަޕްޝަނުގެ އެއްވެސް ކަމެއް ނުހިނގާނެކަމާއި، އެފަދަ ޖާގައެއް ވެސް ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި މާލިއްޔަތު ކޮމިޓީ އޮތީ، އަސަދު ވިދާޅުވި ގޮތުގައި އެއަށް ވުރެ ފާރަވެރިކޮށެވެ.
އަސަދު ވަނީ އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަނަށް އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ ވެސް ސުވާލު އުފައްދާފަ އެވެ. އޭނާ ވިދާޅުވީ އެތައް މައްސަލައެއްގެ ތުހުމަތުތައް ފެންމަތިވެގެން އައި އިރު ވެސް ސަރުކާރުން އެއަށް ދިނީ ބީރު ކަންފަތެއް ކަންފަތެއްކަމަށެވެ.

