މިނިވަންކަމުގެ އަގު
މިނިވަންކަމަކީ އެހެން އެއްވެސް އެއްޗަކާ އަޅާނުކިޔޭނެ އަގުހުރި ނިޢުމަތެކެވެ. އެއީ މާތްވެގެންވާ އިސްލާމްދީން ދުނިޔެއަށް ގެނެސްދިން އެންމެ މުހިންމު އުޞޫލުތަކުގެ ތެރެއިން އެއް އުޞޫލެވެ. މާތް ﷲ ވަނީ އިންސާނުން މިނިވަންކަމާއެކު ދިރިއުޅުމަށް އަމުރުކުރައްވާފައެވެ. އަދި ހަމަ އެހެންމެ، ބައެއްގެ މިނިވަންކަމާ ނުލައި އެބައެއްގެ ދީނީ ޙަޔާތަށްވެސް ފުރިހަމަކަމެއް ނާންނާނެއެވެ. ސަބަބަކީ ބޭރުގެ ބާރެއްގެ ދަށުގައި ތިބެ، އެ ބާރެއްގެ ނުފޫޒުގެ ދަށުގައި ދިރިއުޅޭ ނަމަ، އެބައެއްގެ ދީނީ އަދި ޤައުމީ ސަޤާފަތަށް އަބަދުވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެތީއެވެ.
އަޅުވެތިކަމުގެ ދުވަސްވަރު
1887 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ވަނީ ބޭރުގެ ބާރެއް ކަމުގައިވާ އިނގިރޭސި ވިލާތުގެ ޙިމާޔަތުގެ ދަށުގައެވެ. މި ދިގު މުއްދަތުގައި ދިވެހިންގެ ދީނީ އަދި ޤައުމީ ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދިވެހިންގެ އާދަކާދައާއި ސަގާފަތަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ޤައުމީ ނިކަމެތިކަން އިޙްސާސް ކުރެވެން ފެށިއެވެ. މި ދުވަސްވަރު ދިވެހިންނަށް ލިބުނު ނިކަމެތިކަމަކީ ހަމައެކަނި ޤައުމީ ފެންވަރުގައި ލިބުނު ނިކަމެތިކަމެއް ނޫނެވެ. އޭގެ ނޭދެވޭ އަސަރު ދީނީ ޙަޔާތަށްވެސް ކޮށްފައިވެއެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިނިވަންކަމަށްޓަކައި ކުރެވުނު މަސައްކަތުގެ މުހިންމުކަން ވަރަށް ބޮޑެވެ.
އިބްރާހީމް ނާޞިރުގެ މަސައްކަތްޕުޅު
އަލްއަމީރު އިބްރާހީމް ނާޞިރަކީ ހަމައެކަނި އެއްބަސްވުމެއްގައި ސޮއިކުރެއްވި ވަޒީރުލްއައުޒަމެއް ނޫނެވެ. އެމަނިކުފާނަކީ ދީނާއި ވަޠަނަށް ޓަކައި އަގުހުރި ޤުރުބާންތަކެއް ވެވަޑައިގެން، އުއްމަތެއްގެ ދީން ރައްކާތެރިކކޮށް، ވަޠަނެއްގެ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވި މުޞްލިޙެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި މާތްވެގެންވާ އިސްލާމްދީނަށާއި ވަޠަނަށް ޓަކައި އޮތް ލޯތްބާއި އިޚްލާޞްތެރިކަން، ދިވެހިރާއްޖޭގެ މިނިވަންކަން ހޯއްދެވުމުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. ޢަޒުމާއި ހިތްވަރާއެކު އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނެވެ.
މިނިވަންކަމުގެ އުފާވެރި ދުވަސް
1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، ހިޖުރީ ސަނަތުން 1385 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ހޯމަ ދުވަހު، ދިވެހިރާއްޖެއަކީ ފުރިހަމަ މުސްތަޤިއްލު، މިނިވަން ދައުލަތެއްކަން ދުނިޔެ ޤަބޫލުކުރިއެވެ. ދިވެހިންގެ އުއްމީދު ޙަޤީޤަތަކަށް ވެގެންދިޔަ މި އުފާވެރި ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ތަފާތު ޙަރަކާތްތަކެއް ކުރިޔަށް ގެންދެވުނެވެ. މި ތާރީޚީ ދުވަހަކީ ދިވެހި ޤައުމުގެ ތާރީޚުގައި އަބަދުމެ ފާހަގަކުރެވިގެންވާނެ ދުވަހެކެވެ. މި ދުވަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތު އާލާކޮށް، ދީނީ އެއްބައިވަންތަކަން އިތުރުކުރާ މުހިންމު ދުވަހެކެވެ.
ނިންމުން
އަޅުގަނޑުމެންގެ މިނިވަންކަމުގެ ބަޠަލް، އަލްއަމީރު އިބްރާހީމް ނާޞިރުގެ ހަނދާން އަބަދުމެ ދިވެހި ހިތްތަކުގައި ދިރި އޮންނާނެއެވެ. އެމަނިކުފާނުގެ ޚިދުމަތްތަކަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެންވާ އަގުހުރި ޚިދުމަތްތަކެކެވެ. މިއަދު އަޅުގަނޑުމެން މިތިބީ މިނިވަން، މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ކުރިމަތީގައި ފަޚުރުވެރިކަމާއެކު ތެދުވެ ތިބެވެން މިވަނީ އެމަނިކުފާނުގެ ޙިކުމަތްތެރި ވިސްނުމާއި ހިތްވަރުގަދަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. ޤައުމީ މިނިވަންކަމަކީ އަޅުގަނޑުމެންގެ ދީނީ އަދި ޤައުމީ ވަންތަކަން ދެމެހެއްޓުމަށްޓަކައި ލިބުނު މަތިވެރި ނިޢުމަތެކެވެ. މިނިވަންކަމުގެ އަގުދަނެ، އެ މިނިވަންކަން ދެމެހެއްޓުމަށް އަޅުގަނޑުމެން ދިވެހިން އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަލްއަމީރު އިބްރާހީމް ނާޞިރަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

