ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމަށާއި، އެއްވެސްކަމެއްގައި ބޭރުގެ ބައެއްގެ މައްޗަށް މުޅިން ބަރޯސާވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް، ގެނެސްދިން ”މިނިވަންކަމުގެ ހިޔަލުގައި ފަސްދޮޅަސް“ ކަވަރޭޖުގަަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގަ އެވެ.
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމާއި، އަދި އެ ގައުމު އަނެއް ގައުމާއި ގުޅިގެން މަސައްކަތް ކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ގޮތުގައި އިގްތިސާދީ ގޮތުން އެހީތެރިކަމެއް ފޯރުކޮށްދޭ އިރު، ރާއްޖެއިން އަމިއްލަ ގައުމުގެ އުސޫލުތަކާއި މިނިވަންކަމަށް ބުރޫއަރާނެ އެއްވެސްކަމެއް ދޫކޮށްލައިގެން ނުވާނެކަމަށެވެ.
މި ސަރުކާރުން އެންމެ ސަމާލުކަމެއް ދީގެން ކުރިޔަށް ދާނީ، ރައީސް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން އިސްކޮށްގެންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ވަރަށް ނާޒުކު ހާއްސަ ސިފަތަކެއް ލިބިގެންވާ ގައުމެއް ކަމަށެވެ. ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ގައުމީ ސިޔާސަތުތައް ބިނާކުރަންޖެހޭނީ މި ހާއްސަ ސިފަތަކުގެ މައްޗަށް ކަމަށް ހާމަކުރައްވައި ރައީސް ވަނީ ދިވެހިރާއްޖެއަށް ލިބިގެންވާ ހާއްސަ ސިފަތައް ވެސް ފާހަގަކުރައްވާފަ އެވެ.
އެގޮތުން، ރާއްޖެއަކީ އެއްބަހަކުން ވާހަކަ ދައްކައި، އެއް ދީނަކަށް ނިސްބަތްވާ، އެއްބައިވަންތަ ބައެއް ދިރިއުޅޭ ގައުމެއް ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ މުހިންމު ފެކްޓެއް ނުވަތަ އައިޑެންޓިޓީއެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އާބާދީ ކުޑަ ނަމަވެސް، ގައުމުގެ ޖިއޮގްރަފީއަށް ބަލާއިރު ރާއްޖެއަކީ ވަރަށް ބޮޑު ގައުމެއްކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންޑިއާ ކަނޑުގައި ދިވެހިރާއްޖެ އޮތީ އެންމެ ސްޓްރެޓީޖިކް އެއް ލޮކޭޝަންގައި ކަމަށެވެ. ގިނަ ރަށްތަކާއި އަތޮޅުތަކުގެ މައްޗަށް އެކުލެވިގެންވާ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ވަރަށް ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ ގައުމަކަށްވުމާއި އެކު ނިސްބަތުން އެންމެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް (އީއީޒެޑް) ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަތީ ދެތިން ހަތަރު ވަނައިގައި ރާއްޖެ ހިމެނޭކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިކަންކަމަކީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންކަން ކަމަށެވެ. ގައުމުގެ ސިޔާސަތުތައް ބިނާކުރަން ޖެހޭނީ މި ހަގީގަތުގެ މައްޗަށް ކަމަށާއި، ބޭރުގެ ބައެއްގެ މައްޗަށް މުޅިން ބަރޯސާވެގެން ނުވާނެކަމަށް ރައީސް ހާމަކުރެއްވިއެވެ. ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ފަތުރުވެރިކަމާއި، ދުނިޔެ ބަލައިގަންނަ ތަފާތު މަސްވެރިކަމެއް އޮތް ގައުމެއްކަން ފާހަގަކުރައްވައި، އަމިއްލަވަންތަ އުފެއްދުންތެރިކަމުގެ އިގްތިސާދެއް ބިނާކުރުމަށް އިޖާދީ ގޮތްތައް ހޯދަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.
މިކަންކަން ކުރިއަށް ގެންދިޔުމުގައި މި ”ޑެލިކޭޓް ބެލެންސް“ ނުވަތަ ނާޒުކުކަން އަބަދުވެސް ދަމަހައްޓަމުން ކުރިއަށް ދާންޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ރަނގަޅަށް ކުރިއަށް ގެންދިޔުމުގެ މަގުމަތީގައި ނޫނިއްޔާ އެ ރާސްތާގައި މަސައްކަތް ކުރަމުންދާއިރުގައި އަޅުގަނޑުމެންގެ މި ޑެލިކޭޓް ބެލެންސް އަބަދުވެސް މެންޓަން ކުރަމުން ކުރިއަށް ދާންޖެހޭނެ.. އެގޮތަށް ކުރިއަށް ދިޔުމުގައި އަޅުގަނޑުމެން ވާންޖެހޭ އެންމެންނާ ރައްޓެހި އެންމެންނާ ގާތް ގުޅުން އޮންނަ އެހެން މީހުންގެ ސެންސިޓިވިޓީ ތަކަށް ވެސް ރެސްޕެކްޓް ކުރާ ބަޔަކަށް..
ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ހުރިހާ ގައުމަކާ ވެސް ރަޙްމަތްތެރިކަމުގެ ގުޅުން ބާއްވާ، އެންމެންނާ ގާތް ގުޅުން އޮންނަ ގައުމަކަށް ވާންޖެހޭނެ ކަމަށެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިކޮށް، އިގްތިސާދީ ނަފާ ލިބޭނެ ގޮތްތައް ހޯދަންޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ދުޝްމަނު ކުރާ ނުވަތަ ސިޔާސަތުތައް ރާއްޖެއާ ކަނޑައެޅިގެން ދެކޮޅަށް ބައްޓަންކޮށްފައިވާ ގައުމެއް ނޫންނަމަ، ހުރިހާ ގައުމަކާ ވެސް ގުޅުން ބާއްވަންޖެހޭނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

