މިއަދު ރާއްޖެއަކީ ނާކާމިޔާބު ގައުމެއްގެ ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ބަޔަކުވެސް ނުދެކޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ”ސަންގު ޓީވީ“ އަށް ވެއްދި ހާއްސަ އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ޔޫއެންޑީޕީން އޭރު ދުށީ ”ވަޔަބަލް“ ކަމެއް ނޫން ގޮތުގައި ކަމަށެވެ. އަމިއްލަ ގައުމެއްގެ ގޮތުގައި އިގްތިސޯދެއް ބިނާކޮށްގެން ރައްޔިތުންގެ އާއްމު ހާލަތަށް ހެޔޮ ކަމެއް ގެނެސްދީގެން ދިރިއުޅެން އުނދަގު ވާނެ ބައެއްގެ ގޮތުގައި ޔޫއެންޑީޕީން ދުށް ކަމަށް ނަޝދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެހެންނަމަވެސް މިއަދު ރާއްޖެއަކީ މެދު އާމްދަނީގެ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން މިހާރު ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރުގައި ހުރި ކަމަށާއި ޕާ ކެޕިޓާ ބޮލެއްގެ މައްޗަށް ޖެހޭ މިންވަރުވެސް 14،000 ޑޮލަރަށް އަރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އެހެންވީމާ މިއަދު ދިވެހިރާއްޖެއަކީ ނާކާމިޔާބު ގައުމެއްގެ ގޮތުގައި އަޅުގަނޑު ހިތުން ދުނިޔޭގެ ގައުމެއް، އެހެންނޫނީ އެއްވެސް ބައެއްވެސް ނުދެކޭނެ“
ރައީސް ނަޝީދު ވިދާޅުވީ މިމަގަށް ރާއްޖެ ގެނައުމަށް އިބްރާހިމް ނާސިރާއި، އެމަނިކުފާނާއިއެކު އުޅުއްވި ބޭފުޅުން މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެ ބޭފުޅުންގެ ތެރޭގައި އިންގިރޭސިންނާއި ޖަދަލުކޮށް އެއަތަށް ދާން ބޭނުން ނުވި ބަޔަކާއި ނުވަތަ ކޮންމެ ހާލަތެއްގައިވެސް މިނިވަންކަމާއިއެކު އިނގިރޭސިންގގެ އަތުން ވީއްލި ފުރިހަމަ މިނިވަންކަމެއް އޮތުމަށް އެދިތިބި ކަމަށް ނަޝީދު ވިދާޅުވިއެވެ.

